Last Updated: March 29, 18:55
Friday, March 29, 2024
ރިޕޯޓް ރަމަޟާން މަސް

ރަމަޟާން މަސް – ފުރުސަތުގެ ބޭނުންހިފާ އަޅުކަމުގައި ގިނަ ވަގުތު ހޭދަކުރޭ

ރަމަޟާން މަހަކީ މައްސަރުތަކުގެ ތެރެއިން މާތް ކުރައްވާފައިވާ މަހެކެވެ. އެމަހުގައި ކީރިތި ޤުރުއާން ބާވައި ލެއްވިއެވެ. އެމަހުގެ ރޭއަޅުކަން ސުންނަތެއް ކަމުގައި ލެއްވިއެވެ. އެމަހުގައި ކުރެވޭ ކޮންމެ ހެޔޮ ކަމެއްގެ ސަވާބު އިތުރު ކުރެއްވިއެވެ.

މިދިޔަ އަހަރު އަޅުގަނޑުމެން ރަމަޟާން މަސް ލޮކްޑައުންގައި މިސްކިތަށް ނުދެވި ހޭދަކުރިނަމަވެސް، މިފަހަރު އެއާ ތަފާތެވެ. ކޮވިޑް-19 ގެ ނުތަނަވަސްކަން އޮތް ނަމަވެސް މިފަހަރު އަޅުގަނޑުމެނަށް މިސްކިތްތަކަށް ގޮސް އަޅުކަން އަދާކުރުމުގައި ހުރަހެއް ނެތެވެ.

ރަމަޟާން މަހުގެ މި ރަނުގެ ފުރުސަތަކީ މިއީ އަޅުކަންތަކާއި އިތުރަށް ކައިރިވުމަށް ލިބުނު ފުރުސަތަކަށް ހަދަމާތޯއެވެ. މި މަހުގައި އެއްހާސް މައްސަރަށް ވުރެ ހެޔޮވެގެންވާ ރެއެއް ވެއެވެ.

ރަމަޟާން މަހަކީ އަޅުކަމުގެ މަހެވެ. އެމަހުގައި ސަލާމާއި ސަލަވާތް ލެއްވި ރަސޫލު ﷲ ގެފާނު ވަކިން ގިނައިން އަޅުކަން ކުރައްވައެވެ. ސަދަޤާތް ކުރެއްވުން ގިނަ ކުރައްވައެވެ. އަދި އެމަހަކީ ކީރިތި ޤުރުއާނުގެ މަހެވެ. އެމަހުގައި ސަލާމާއި ސަލަވާތް ލެއްވި ރަސޫލު ﷲ ގެފާނު ކީރިތި ޤުރުއާން ތިލާވަތު ކުރެއްވުން ގިނަ ކުރެއްވި އެވެ.

ރަމަޟާން މަހުގެ ފަހު ދިހައިގެ ރޭތައް ވަކިން އިތުރުވެގެން ވެއެވެ. އެއީ އެރޭތަކުން ރެއެއްގައި ލައިލަތުލް ޤަދުރި ވާތީއެވެ. ސަލާމާއި ސަލަވާތް ލެއްވި ރަސޫލު ﷲ ގެފާނު ފަހު ދިހައިގައި ވަކިން ބޮޑަށް އަޅުކަމާއިގެން އުޅުއްވައެވެ. އައިޝާ ރަޟިޔަ ﷲ އަންހާގެ ކިބައިން އަލް އިމާމުލް ބުޚާރީ އާއި މުސްލިމު ރިވާކުރެއްވި ހަދީޘެއްގެ މާނާގައި ވެއެވެ. "ސަލާމާއި ސަލަވާތް ލެއްވި ނަބިއްޔާ ފަހު ދިހަޔަށް އެޅިއްޖެއްޔާއި ރޭގަނޑު ހޭފުޅުލައްވާ އުޅުއްވައެވެ. އަދި އެކަލޭގެފާނުގެ އަހުލުވެރިން ހޭލައްވަވައެވެ. އަދި އެކަލޭގެފާނުގެ އަނބި އަނބި ކަނބަލުންނާއި ވަކިވެވަޑައިގެން އަޅުކަމުގައި އުޅުއްވައެވެ."

ރަމަޟާން މަހުގައި ގުރުއާން ކިޔެވުމާއި ރޭ އަޅުކަމުގައި ވަގުތު ހޭދަކުރުން އިތުރު ކުރަންޖެހެއެވެ. ބުއްދިވެރިންނަކީ ފުރުސަތުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފާ މީހުންނެވެ. ހެޔޮކަމުގެ ތިލަފަތް ބުރަކޮށްލުމަށް ހެޔޮ އަމަލުތަކުގައި ހީވާގިވާ މީހުންނެވެ.