Last Updated: April 19, 22:45
Friday, April 19, 2024
ކުޅިވަރު

ޗެލްސީ އާއި ޕީއެސްޖީ ސެމީ އަށް

ޗެމްޕިއަންސް ލީގުގެ ކުއާޓާފައިނަލްގެ ދެވަނަ ލެގުގައި ރޭ ކުޅުނު މެޗުތަކުން ބަލިވި ނަމަވެސް މުބާރާތުގެ ސެމީފައިނަލަށް ޕީއެސްޖީ އާއި ޗެލްސީ ދަތުރުކޮށްފިއެވެ.

ޕީއެސްޖީ މުބާރާތުގެ ސެމީއަށް ދަތުރުކުރީ ރޭ ކުއާޓާގެ ދެވަނަ ލެގުގައި މުބާރާތުގެ އެންމެފަހުގެ ޗެމްޕިއަނުން ކަމަށްވާ ބަޔާން މިއުނިކް އަތުން 1-0 އިން ބަލިވި ނަމަވެސް އަވޭ ގޯލުން ކުރި ހޯދައިގެންނެވެ. މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު 3-2 އިން ކާމިޔާބުކުރީ ޕީއެސްޖީންނެވެ.

ރޭ ޕީއެސްޖީގެ ދަނޑުގައި ކުޅުނު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު މެޗުގެ 40 ވަނަ މިނެޓްގައި ބަޔާން އަށް ކާމިޔާބުކޮށްދިނީ ޗުޕޮ މޯޓިންއެވެ. ލީޑު ފުޅާކޮށްލަން ބަޔާން އަށް ރަނގަޅު ފުރުސަތުތަކެއް ލިބުނުއިރު، ޕީއެސްޖީ އަށް ވަނީ ނަތީޖާ އެއްވަރުކޮށްލަން ވެސް ރަނގަޅު ގިނަ ފުރުސަތުތަކެއް ލިބިގެން ގޮސްފައެވެ. މި މެޗުގައި ދެ ޓީމުގެ ގޯލްކީޕަރުންގެ ފަރާތުން ވެސް މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވެއެވެ.

ޗެލްސީ ސެމީއަށް ދަތުރުކުރީ ކުއާޓާގެ ދެވަނަ ލެގުގެ މެޗުން 1-0 އިން ޕޯޓޯ އަތުން ބަލިވި ނަމަވެސް އެގްރިގޭޓް ނަތީޖާ އިން ކުރި ހޯދައިގެންނެވެ. މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު 2-0 އިން ކާމިޔާބުކުރީ ޗެލްސީންނެވެ.

ކޮވިޑް-19 އާއި ގުޅިގެން ސްޕެއިންގެ ސެވިއްޔާގައި ކުޅުނު މި މެޗުގައި ފެނުނު ހަމައެކަނި ގޯލު މެޗުގެ ފަހު ވަގުތުކޮޅުތެރޭ ޕޯޓޯ އަށް ކާމިޔާބުކޮށްދިނީ މެހްރީ ތަރީމީ އެވެ. ތަރީމީ މި ގޯލު ކާމިޔާބުކުރީ ޗެލްސީގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ފޮނުވާލި ބައިސްކަލް ކިކަކުންނެވެ. މި މެޗުގައި ޗެލްސީ އަށް ވެސް ގޯލްޖަހާނެ ރަނގަޅު ދެ ތިން ފުރުސަތެއް ލިބި ބޭކާރުވެފައިވެއެވެ.

މުބާރާތުގެ ސެމީގައި ޕީއެސްޖީ ބައްދަލުކުރާނީ މިރޭ ކުޅޭ މެންޗެސްޓަރ ސިޓީ އާއި ބްރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ. ޗެލްސީ ސެމީގައި ބައްދަލުކުރާނީ ރެއާލް މެޑްރިޑާއި ލިވަޕޫލް ކުޅޭ މެޗުން މޮޅުވާ ޓީމަކާއެވެ. ސެމީފައިނަލް މެޗުތައް ކުޅޭނީ މި މަހު ފަހުކޮޅުއެވެ.