ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިންޑިއާއަށް މިއަދު ފުރާވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.
ފޮރިން މިނިސްޓްރީން ބުނެފައިވަނީ މިނިސްޓަރު ޝާހިދުގެ މިދަތުރުފުޅުގައި އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޑރ. އެސް ޖައިޝަންކަރް އާއި ބައްދަލުކުރައްވައި ބައިލޭޓަރަލް އަދި މަލްޓިލޭޓަރަލް ކަންކަމާ ބެހޭ ގޮތުން މަޝްވަރާކުރައްވާނެ ކަމަށެވެ.
މި ދަތުރުފުޅަކީ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް، އިންޑިއާ ސަރުކާރުގެ އެހީގައި ދިވެހިރާއްޖޭގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ގުޅޭ ގޮތުން މަޝްވަރާކުރެއްވުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށްވެސް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ.
މިނިސްޓަރު ޝާހިދު އިންޑިއާއަށް ކުރައްވާ ދަތުރުފުޅަކީ އެޕްރީލް މަހުގެ 15 އިން 16 އަށް ކުރައްވާ ދަތުރުފުޅެކެވެ.