Last Updated: June 30, 19:07
Tuesday, June 30, 2026
ޚަބަރު

ހަޔަރ އެޑިއުކޭޝަން އަދި ހެރިޓޭޖް މިނިސްޓްރީ އުވާލަން ގޮވާލައިފި

އާދަމް ޝަރީފް އުމަރު-- ފޮޓޯ: މަޖިލިސް

ހަޔަރ އެޑިއުކޭޝަން މިނިސްޓަރީ އަދި ހެރިޓޭޖް މިނިސްޓްރީ އުވާލަންޖެހޭކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ ކައުންސިލް އިންތިހާބުގައި ރައްޔިތުން ބުނެފައިވަނީ ރައީސް ޔާމީން މިނިވަން ކުރަން ކަމަށާއި، އިންތިހާބުގައި ރައްޔިތުން ބުނެފައިވަނީ ސަރުކާރު ސްލޯވެ ސަރުކާރު ބަދަލުކުރަންޖެހޭ ކަމަށް ކަމަށެވެ.

މިފަހަރުގެ އިންތިހާބުން ފެނިގެން ދިޔައީ ސަރުކަރުން ރައްޔިތުންނަށް އެކަށީގެންވާ ހިދުމަތެއް ނުދޭތީ އެކަމުގެ ހިތްހަމަ ނުޖެހުންކަމަށް ވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ ޓްރާންސްޕޯޓް އޮތޯރިޓީ އުވާލުމުގެ ބަދަލުގައި ސަރުކާރުން ބައެއް ސިޔާސަަތުތައް މިހާރު ބަދަލުކުރަންޖެހޭ ކަމަށެވެ. އަދި ޓްރާންސްޕޯޓް އޮތޯރިޓީގައި ތިއްބަވާ ސިޔާސީ ފަރާތްތައް މަދުކޮށްފިނަމަ އެތަނުގެ ހިދުމަތް ރަނގަޅަށް ދެވޭނެކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވި މިސަރުކާރުގެ މަތިބަރުވެފައި އޮތްއިރު ބައެއް މިނިސްޓްރީތައް އުވާލައިފިނަމަ ސަރުކާރުގެ ހިދުމަތްތައް މާރަނގަޅަށް ދެވޭނެ ކަމަށެވެ. އެގޮތުން އެޑިއުކޭޝަން މިނިސްޓްރީއާއި ހަޔަރ އެޑިއުކޭޝަން މިނިސްޓްރީއެއް އޮވެގެން އައި ކުރިއެރުމެއް ނެތްކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. އަދި ހެރިޓޭޖް މިނިސްޓްރީއަކީ ވެސް އެގޮތުން އުވާލަންޖެހޭ މިނިސްޓަރީއެއް ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

"މިކަހަލަ މިނިސްޓްރީތަކެއް ބަދަލުގެނެސްފިކަމަށް ވާނަމަ، ސިޔާސީ މަގާމުތައް މަދުކޮށްފަ ރައްޔިތުންނަށް ދެވޭ ހިދުމަތްތައް ރަނގަޅުވެގެންދާނެ." އާދަމް ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރުން އާދަމް ޝަރީފް ވިދާޅުވީ އިންތިހާބުން ބަލިވުމުގެ ޒިންމާ އެމްޑީޕީން ނަގަންޖެހޭނެ ކަމަށާއި، އެމްޑީޕީއަށް އެކަމުން މުޅިން ރެކިގެން ނޫޅެވޭނެ ކަމަށެވެ.