ލޯކަލް ކައުންސިލް އިންތިހާބާ ގުޅިގެން އެމްޑީޕީން އިލެކްޝަންސް ކޮމިޝަނަށް ޝަކުވާތަކެއް ހުށަހަޅައިފިއެވެ.
އެމްޑީޕީން މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ، މާލޭގެ ހަ ދާއިރާއެއްގެ ވޯޓު ފޮށި އަލުން ގުނުމަށް އެމްޑީޕީން ހުށަހަޅާފައިވާކަމަށެވެ.
އެގޮތަށް ހުށަހަޅާފައިވާ މައިގަނޑު ސަބަބުތަކުގެ ތެރެއިން ހަސަން އެންމެ ބޮޑަށް ފާހަގަކުރެއްވީ އެ ދާއިރާތަކުގެ ބާތިލު ވޯޓު ގިނަ ކަމެވެ. ހާއްސަކޮށް އިންތިހާބު ކާމިޔާބުކުރި ކެނޑިޑޭޓާއި ބަލިވި ކެނޑިޑޭޓާއި ދެމެދު ފަރަގުގެ ގޮތުގައިވާ އަދަދަށް ވުރެއް ބޮޑު އަދަދެއް ބާތިލު ވޯޓުގެ ގޮތުގައި ހުރިކަން ހަސަން ފާހަގަކުރެއްވިއެވެ.
ހަސަން ވިދާޅުވީ ސައްހަ ވޯޓުތަކެއް ބާތިލުކޮށްފައި ހުރިކަމަށް ބެލެވޭ ކަމަށާއި، އެހެންކަމުން އެމްޑީޕީން އެދެނީ އެ ވޯޓުތައް އަލުން ގުނުމަށްކަމަށެވެ. އަދި އުންމީދަކީ އަލުން ގުނުމުން ނަތީޖާ ބަދަލުވުންކަމަށްވެސް ހަސަން ވިދާޅުވިއެވެ.
ހަސަން ލަތީފް ވިދާޅުވީ ހަ ފޮށި އަލުން ގުނާއިރު، ވީހާވެސް އަމާން މާހައުލެއްގައި އެކަން ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް އެދިފައިވާނެ ކަމަށެވެ.
ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުން އެމްޑީޕީއަށް ވަނީ މާލެސިޓީގެ މެޖޯރިޓީ ގެއްލިފައެވެ. އަދި މޭޔަރުގެ ގޮނޑިވެސް އެމްޑީޕީއަށް ވަނީ ގެއްލިފައެވެ. މިއީ މިފަހުން މާލެސިޓީން އެމްޑީޕީއަށް މިހާބޮޑު ބައްޔަކާ ކުރިމަތިލާންޖެހުނު ފަހަރެވެ.