އަލަށް އިންތިހާބުވި ކައުންސިލަރުން ހުވާކުރުން މޭ 18 ވަނަ ދުވަހު ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)އިން ހާމަކޮށްފިއެވެ.
އެލްޖިއޭގެ އޮފިޝަލަކު މައުލޫމާތު ދެއްވި ގޮތުގައި އާ ކައުންސިލަރުން ހުވާ ކުރުމުގެ ކަންކަން ބޭއްވުމަށް މިހާރު މަސައްކަތް ކުރަމުން އަންނަ ތާރީހަކީ އަންނަ މަހުގެ 18 ވަނަ ދުވަހެވެ. އެހެންނަމަވެސް އެ ދުވަސް އަދި އެއްކޮށް ފައިނަލް ނުވާ ކަމަށެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި މިއަދު ބާއްވާ އެލްޖީއޭގެ ބޯޑު ބައްދަލުވުމުގައި އާ ކައުންސިލަރުން ހުވާކުރާނެ ދުވަސް ފައިނަލް ކުރާނެއެވެ.
ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގެ ވަގުތީ ނަތީޖާ އިލެކްޝަންސް ކޮމިޝަނުން އިއުލާނު ކުރަމުން އަންނައިރު މާދަމާގެ ވަގުތެއްގައި ވަގުޓީ ނަތީޖާ އިއުލާނުކޮށް ނިމޭނެ ކަމަށް އީސީން މައުލޫމާތުދެއެވެ.
އިންތިހާބާއި ގުޅިގެން މާލޭގެ ހަ ދާއިރާގެ ވޯޓު ފޮށި އަލުން ގުނުމަށް އެމްޑީޕީން ވަނީ އީސީއަސް ހުށަހަޅާފައެވެ. މި އިންތިހާބުގައި އެމްޑީޕީއަށް ވަނީ މާލެއިން ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާންޖެހިފައެވެ.