ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގައި މަޖިލީހުގެ ޖަލްސާތަކަށް އެންމެ މަދުން ޙާޒިރުވި މެމްބަރުންގެ ތެރޭގައި ސ. ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުޙައްމަދު އަސްލަމް ހިމެނިއްޖެ އެވެ.
މަޖިިލީހުގެ ހާޒިރީ އަށް ބަލާ އިރު، ތިން ވަނަ ދައުރުގައި އެންމެ ގިނަ ޖަލްސާތަކަށް ވަޑައިނުގަންނަވާ ދެ މެމްބަރުންނަކީ އަސްލަމާއި ގައްދޫ ދާއީރާ މެމްބަރު ޒާހިރު އާދަމް އެވެ.
ތިން ވަނަ ދައުރުގައި ބޭއްވި 41 ޖަލްސާގެ ތެރެއިން ޖަލްސާތަކަށް އެންމެ މަދުން ޙާޒިރުވެފައި ވަނީ އިދިކޮޅު އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ދެ މެންބަރުން ކަމަށްވާ ގައްދޫ ދާއިރާގެ ޒާހިރު އާދަމާއި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އަސްލަމް ވެސް ހާޒިރުވެފައި ވަނީ މީގެ ތެރެއިން އެންމެ 21 ޖަލްސާއަށެވެ.
މަޖިލީހުގެ ތިން ވަނަ ދައުރުގެ ޙާޒިރީ ރިޕޯޓުން ވަނީ ދައްކާފައެވެ. ދެވަނަ އަށް ވެސް އެންމެ މަދުން ޖަލްސާ ތަކަށް ޙާޒިރުވީ ދެ މެންބަރުންގެ ތެރޭގައި އެމްޑީޕީގެ މެންބަރަކު ހިމެނޭ އިރު، ދެވަނަ އަށް އެންމެ މަދުން ޖަލްސާ ތަކަށް ޙާޒިރުވީ އެމްޑީޕީގެ މަހިބަދޫ ދާއިރާގެ މެންބަރު ރުޤިއްޔާ މުޙައްމަދު 24 ޖަލްސާ އަށް ޙާޒިރުވެފައި ނުވާ އިރު، ޑީއާރުޕީ އާއި، އެމްޑީޕީގައި ކުރިން އުޅުއްވުމަށް ފަހު ޖުމްހޫރީ ޕާޓީގައި މިހާރު އުޅުއްވާ ޢަބްދުﷲ ޢަބްދުއް ރަޙީމް ވެސް ވަނީ 24 އާ އެކު މަޖިލީހަށް ތިންވަނަ ދައުރުގައި އެންމެ މަދުން ޙާޒިރުވެ ވަޑައިގެންނެވި ބޭފުޅުންގެ ލިސްޓުން ދެވަނަ ހޯއްދަވައި ފައެވެ.
މަޖިލީހަށް އެންމެ މަދުން ޙާޒިރުވީ މެންބަރުންގެ ލިސްޓުން ތިންވަނަ ވެސް އެމްޑީޕީގެ މެންބަރަކު ހޯއްދަވާފައި ވާއިރު، 25 ޖަލްސާ އަށް ޙާޒިރުވެ ވަޑައިގެން ލިސްޓުގެ ތިންވަނަ ހޯއްދަވާފައި ވަނީ ދިއްދޫ ދާއިރާގެ ރައްޔިތުންގެ ޙައްޤުގައި ވަކާލާތު ކުރައްވާ އަހުމަދު ސަމީރުއެވެ.
ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގައި ބޭއްވި ޖަލްސާތަކުގެ ތެރެއިން ހުރިހާ ޖަލްސާއަކަށް އެންމެ ގިނަ މެންބަރުން ޙާޒިރުވެ ވަޑައިގެންފައި ވަނީ ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޕީޕީއެމުންކަން ފާހަގަ ކޮށްލެވެ އެވެ.
ޕީޕީއެމްގެ މެންބަރުންގެ ތެރެއިން މާވަށު ދާއިރާގެ މެންބަރު ޢަބްދުލް ޢަޒީޒް ޖަމާލް އަބޫބަކުރާއި، ގަމު ދާއިރާގެ މެންބަރު ޔޫސުފް ޢަބްދުލް ޣަފޫރާއި، އިސްދޫ ދާއިރާގެ މެންބަރު އަހުމަދު ރަޝީދާއި، އިނގުރައިދޫ ދާއިރާގެ ހަމްދޫން ހަމީދު ވަނީ ހުރިހާ ޖަލްސާއަކަށް ހާޒިރުވެވަޑައިގެންފައެވެ.
މީގެ އިތުރުން ކުޅުދުއްފުށީ ދެކުނު ދާއިރާގެ މިނިވަން މެންބަރު މުޙައްމަދު ނަޝީދާއި، ކުޅުދުއްފުށީ އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު ޢަބްދުލް ޣަފޫރު މޫސާ އާއި، ކެލާ ދާއިރާގެ ޑީއާރުޕީގެ މެންބަރު ޑރ. ޢަބްދުﷲ މަޢުޞޫމް ވެސް ވަނީ ތިން ވަނަ ދައުރުގެ ހުރިހާ ޖަލްސާ ތަކަށް ޙާޒިރުވެ ވަޑައިގެންފަ އެވެ.
ދައުލަތުގެ ބަޖެޓުން ބޮޑު މުސާރަ އާއި އިނާޔަތްތައް ނަންގަވާ މަޖިލިސް މެމްބަރުން މިވަގުތު ތިއްބެވީ ދެ މަސް ދުވަހުގެ ޗުއްޓީއެއްގަ އެވެ.