Last Updated: March 29, 17:30
Friday, March 29, 2024
ކުޅިވަރު

ބާސާ އިން ސްޕެނިޝް ކަޕް ކާމިޔާބުކޮށްފި

4-0 އިން އެތްލެޓިކް ބިލްބާއޯ ބަލިކުރުމަށްފަހު ސްޕެނިޝް ކަޕް ބާސެލޯނާ އިން ކާމިޔާބުކޮށްފިއެވެ.

މިރޭ ކުޅުނު މުބާރާތުގެ ފައިނަލް މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވި ނަމަވެސް މެޗުގެ 60 ވަނަ މިނެޓްގައި އެންޓޮއިން ގްރިޒްމަން ވަނީ ބާސާ އަށް ލީޑު ނަގާދީފައެވެ. އަދި އޭގެ ތިން މިނެޓްފަހުން ފްރެންކީ ޑި ޔޮންގް ބާސާގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިންއިރު މެޗުގެ 68 ވަނަ މިނެޓްގައި އެޓީމުގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދިނީ ލިއޮނަލް މެސީއެވެ.

އަދި މެޗުގެ 72 ވަނަ މިނެޓްގައި އަލްބާ ދިން ޕާހަކުން ބާސާގެ ހަތަރުވަނަ ގޯލުވެސް ކާމިޔާބުކޮށްދިނީ މި މެޗުގައި މޮޅު ކުޅުމެއް ދެއްކި މެސީ އެވެ. މި ހަތަރު ގޯލަށްފަހު ވެސް ބާސާ އިން ވަނީ ގޯލްޖަހާނެ އިތުރު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.

މިއީ ބާސާ އިން މި މުބާރާތް ކާމިޔާބުކުރި 31 ވަނަ ފަހަރެވެ. އަދި މިއީ 2019 ވަނަ އަހަރަށްފަހު ބާސާ އިން ހޯދި ފުރަތަމަ ތަށިކަން ވެސް ފާހަގަކޮށްލެވެއެވެ.

ބާސާ އަށް ސްޕެނިޝް ލީގު ކާމިޔާބު ކުރުމުގެ ފުރުސަތު ވެސް އަދި މި ސީޒަނުގައި އެބައޮތެވެ. އެގޮތުން ލީގުގައި ބާކީ އަދި 8 މެޗު އޮތްއިރު 65 ޕޮއިންޓާ އެކު ބާސާ މިވަގުތު އޮތީ ލީގުގެ ތިންވަނައިގައެވެ. އެއްވަނައިގައި 67 ޕޮއިންޓާ އެކު އޮތީ އެތްލެޓިކޯ މެޑްރިޑެވެ.