ލޯކަލް ކައުންސިލް އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާނު ކުރުން އަންގާރަ ދުވަހު އޮންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.
"އައްޑޫލައިވް"އަށް މައުލޫމާތު ދެއްވަމުން އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ މަސައްކަތް ކުރަމުން އަންނަނީ އަންގާރަ ދުވަހު އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާނު ކުރުމަށް ކަމަށެވެ.
އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާނުކޮށް ނިންމާފައިވަނީ ރޭގެ ވަގުތެއްގައެވެ. އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާންކުރަން ފެށީ މި މަހުގެ 14 ވަނަ ދުވަހުއެވެ. ވަގުތީ ނަތީޖާ އިއުލާންކޮށް ނިމިފައިވާއިރު ވޯޓުލާތާ 14 ދުވަހުގެ ތެރޭގައި ދާއިމީ ނަތީޖާ އިއުލާނުކުރަންޖެހެ އެވެ.
ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ޖުމްލަ 3934 ކެނޑިޑޭޓުން ވާދަކުރިއެވެ. މީގެ ތެރޭގައި ހިމެނެނީ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރި 2264 ކެނޑިޑޭޓުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރި 1670 ކެނޑިޑޭޓުންނެވެ.
މި އިންތިހާބުގައި ވޯޓްލުމުގެ ހައްގު 273128 މީހުންނަށް ލިބިފައިވީ ނަމަވެސް ވޯޓުލާފައިވަނީ 182،995 މީހުންނެވެ.