Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

ނިޒާމު ބަދަލުކުރަން ޖެހޭނީ ވަކި މީހަކު ހަވާސާގައި ހުންނަން ޖެހޭތީއެއް ނޫން: ޑރ. ވަހީދު

ކުރީގެ ރައީސް ވަހީދު -

ވެރިކަން ކުރާ ނިޒާމު ބަދަލުކުރަން ޖެހޭނީ ވަކި މީހަކު ވެރިކަމުގެ ހަވާސާގައި ހުންނަންޖެހޭތީ ނޫން ކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން ވިދާޅުވެއްޖެއެވެ.

ޑރ. ވަހީދު ކުރެއްވި ޓްވީޓެއްގައި މިފަދައިން ވިދާޅުވެފައިވަނީ ވެރިކަމުގެ ނިޒާމު ބަރުލަމާނީ އަށް ބަދަލުކޮށް ބޮޑުވަޒީރެއްގެ ގޮތުގައި ގައުމު ހިންގަން ބޭނުންފުޅުވާކަން ރައީސް ނަޝީދު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދަންނަވާފައިވުމާއި ގުޅިގެންނެވެ.

އެގޮތުން ޑރ. ވަހީދު ވިދާޅުވީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރާނީ ވަކި މީހަކު ވެރިކަމުގެ ހަވާސާގައި ހުންނަންޖެހޭތީ ނޫންކަމަށެވެ. އެހެންނަމަވެސް އެ ބަދަލު ގެންނަންޖެހޭނީ އެގޮތަކީ ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތްކަމަށް ފެނިގެންކަމަށް ޑރ. ވަހީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު، ރައީސް ސޯލިހަށް އިއްޔެ ފޮނުއްވި މެސެޖެއްގައި ވިދާޅުވެފައިވަނީ ބަރުލަމާނީ އަށް ބަދަލުކޮށް ބޮޑުވަޒީރެއްގެ ގޮތުގައި ގައުމު ހިންގަން ބޭނުންފުޅުވާކަމަށާއި އެކަމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވަން ބޭނުންފުޅުވާ ކަަމަށް ވިދާޅުވެފައެވެ.