Last Updated: April 18, 13:36
Thursday, April 18, 2024
ޚަބަރު

ވެރިކަމުގެ ނިޒާމު އިރުއިރުކޮޅުން ބަދަލެއް ނުކުރެވޭނެ: މައުމޫން

ރާއްޖޭގެ ވެރިކަމުގެ ނިޒާމު އިރުއިރުކޮޅުން ބަދަލު ނުކުރެވޭނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

މައުމޫން މިފަދައިން ވިދާޅުވެފައިމިވަނީ މަޖްލިސްގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ބޮޑުވަޒީރުކަން ބޭނުންކަމަށް ވިދާޅުވެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް މެސެޖަކުން ދެންނެވުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

މައުމޫން ވިދާޅުވީ ރާއްޖޭގައި ހިނގަމުން މިދާ ރިޔާސީ ނިޒާމަކީ ދިވެހި ރައްޔިތުންގެ ބޮޑު އަޣްލަބިއްޔަތަކުން ނިންމާފައިވާ ނިޒާމެއްކަމަށެވެ.

ރާއްޖޭގައި އޮންނާނެ ނިޒާމެއް ކަނޑައެޅުމަށް ރައީސް މައުމޫންގެ ވެރިކަމުގެ ފަހުކޮޅު ނެގި ވޯޓުން، ރައްޔިތުންގެ ތާއިދު ލިބުނީ ރިޔާސީ ނިޒާމަށެވެ. އެވޯޓުގައި ރައީސް ނަޝީދު އާއި އެމްޑީޕީންް ތާއިދު ކުރީ ބަރުލަމާނީ ނިޒާމަށެވެ.

ރައީސް ނަޝީދު އިއްޔެ ހަވީރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް ފޮނުއްވި މެސެޖުގައި ވިދާޅުވީ ބޮޑުވަޒީރުކަމަށް އަންނަން ބޭނުންފުޅުވާ ކަމަށާއި އެކަމާއި މަޝްވަރާ ކުރައްވަން ބޭނުންފުޅުވާ ކަމަށެވެ. އަދި އެކަން ކުރެވޭނީ ވެރިކަމުގެ ނިޒާމު ބަދަލުކޮށްގެން ކަމަށެވެ.

އެގޮތުން ނަޝީދު ވަނީ އަންނަ އަހަރު ފެބްރުއަރީ މަސް ތެރޭގައި ނިޒާމު ބަދަލުކޮށް މަޖިލީހުން ސަރުކާރު އެކުލަވާލުމަށް އެ މެސެޖުގައި އެދިވަޑައިގެންފައެވެ. އަދި 2023 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބު ނުބޭއްވުމަށްވެސް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.

މީގެ އިތުރުން 2024 ވަނަ އަހަރު، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ދާއިރު ގާނޫނުގައި ވާގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުމަށްވެސް ވަނީ ހުށަހަޅާފައެވެ.

ކެބިނެޓުގެ ބައެއް ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނަށް ވެސް ނަޝީދު ވަނީ އެ މެސެޖު ފޮނުއްވައިފައެވެ.