Last Updated: March 29, 10:36
Friday, March 29, 2024
ޚަބަރު

މި ގައުމަށް އެންމެ ފައިދާ ބޮޑުގޮތަކީ ބަރުލަމާނީ ނިޒާމް: ބޮންޑޭ

މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ)-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރާއްޖެއަށް އެންމެ ފައިދާ ބޮޑުވާނީ ބަރުލަމާނީ ނިޒާމެއް ކަމަށާއި، އެކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ނިކުންނެވީތީ ޝުކުރުއަދާކުރާ ކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ވާހަކަ ދައްކަވަމުން ބޮންޑޭ ވިދާޅުވީ މި އިސްލާހުގެ ދަށުންވެސް އަނެއްކާވެސް އުފައްދަނީ ބޯޑެއް ކަމަށެވެ. އަދި އެ ބޯޑުގެ ސަބަބުން ހުރިހާ ކަމެއްގެ ކޮންޓްރޯލް ދަނީ އިކޮނޮމިކް މިނިސްޓްރީއަށް ކަމަށާއި، އެކަމުގެ ސަބަބުން ވިޔަފާރި ކުރާ ފަރާތްތައް ތާށިކުރެވޭ ކަމަށެވެ.

ބޮންޑޭ ވިދާޅުވީ ރާއްޖެއަށް ބޮޑުވަޒީރަކު އަންނަންޖެހޭ ހިސާބަކީ މިއީ ކަމަށާއި، އަދި ބަރުލަމާނީ ނިޒާމަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ރައީސް ނަޝީދު މަސައްކަތް ފެއްޓެވީތީ އެކަމަށް ޝުކުރުއަދާކުރާ ކަމަށެވެ.

އެމްޑީޕީން އަބަދުވެސް ވަކާލާތު ކުރަމުންއައީ މަތިބަރު ސަރުކާރަކާއި ދެކޮޅަށް ކަމަށާއި، އެހެންނަމަވެސް މިހާރު ފެންނަނީ މުޅިން ގަޑުބަޑު ވާތަން ކަމަށް ބިންޑޭ ވިދާޅުވިއެވެ.

"ޖަޕާނުގައި އޮންނަނީ ބަރުލަމާނީ ނިޒާމު، ބަރުލަމާނީ ނިޒާމަށް ރާއްޖޭގެ ރައްޔިތުން ވިސްނާށޭ." ބޮންޑޭ ވިދާޅުވިއެވެ.

ބޮންޑޭ މިމޭރުމުން ވާހަކަ ދައްކަވާފައިވާއިރު ބަރުލަމާނީ އަށް ބަދަލުކޮށް ބޮޑުވަޒީރެއްގެ ގޮތުގައި ގައުމު ހިންގަން ބޭނުންފުޅުވާކަން ރައީސް ނަޝީދު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވަނީ ދަންނަވާފައެވެ.

ރައީސް ނަޝީދު ރައީސް ސޯލިހަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ، އެކަމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވަން ބޭނުންފުޅުވާ ކަަމަށް ވިދާޅުވެފައެވެ. މިކަން މިގޮތަށް ކުރެވޭނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށްގެންނެވެ.

އެގޮތުން ނަޝީދު ވަނީ އަންނަ އަހަރު ފެބްރުއަރީ މަސް ތެރޭގައި ނިޒާމު ބަދަލުކޮށް މަޖިލީހުން ސަރުކާރު އެކުލަވާލުމަށް އެ މެސެޖުގައި އެދިވަޑައިގެންފައެވެ. އަދި 2023 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބު ނުބޭއްވުމަށްވެސް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.

މީގެ އިތުރުން 2024 ވަނަ އަހަރު، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ދާއިރު ގާނޫނުގައި ވާގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުމަށްވެސް ވަނީ ހުށަހަޅާފައެވެ.

ކެބިނެޓުގެ ބައެއް ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނަށް ވެސް ނަޝީދު ވަނީ އެ މެސެޖު ފޮނުއްވައިފައެވެ.