Last Updated: March 28, 17:07
Thursday, March 28, 2024
ޚަބަރު

ފްލައިން ސްކޫލްގެ އިންސްޓްރަކްޓަރުން ހަޅުތާލު ކުރަނީ

އައްޑޫ ފްލައިން ސްކޫލްގެ ބޯޓުތަކެއް

އައްޑޫ ސިޓީ ގަމުގައި ހިންގާ ފްލައިން ސްކޫލްގެ އިންސްޓްރަކްޓަރުންނަށް މުސާރަ ނުދޭތީ ހަޅުތާލު ކުރަން ފަށައިފިއެވެ.

"އައްޑޫލައިވް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހުރިހާ އިންސްޓްރަކްޓަރުން ހަޅުތާލު ކުރަން ފަށާފައިވަނީ މިދިޔަ މަހުން ފެށިގެން މުސާރަ ނުދޭ މައްސަލައާ ގުޅިގެންނެވެ. އެގޮތުން މި ހަޅުތާލު ފަށާފައިވަނީ މިދިޔަ ހޮނިހިރު ދުވަހު ކަމަށްވެސް މައުލޫމާތު ލިބެއެވެ.

ހޮނިހިރު ދުވަހު ހަޅުތާލު ފެށުމާ ގުޅިގެން ސްކޫލުން ވަނީ މިދިޔަ ހޯމަ ދުވަހު މުސާރަ ދޭނެ ކަމަށް އިންސްޓްރަކްޓަރުންނަށް އަންގާފައެވެ. އެއާއެކު މިދިޔަ ހޯމަ ދުވަހު އިންސްޓްރަކްޓަރުން އެ ފަރާތްތަކުގެ ޒިންމާތަކަށް އަލުން ނިކުތް ނަމަވެސް މުސާރަ ޖަމާނުވާތީ އެ ފަރާތްތަކުން އަދިވެސް ތިބީ ހަޅުތާލުގައެވެ.

މުސާރަ ދެން ދޭނެ ވަކި މުއްދަތެއް އިންސްޓްރަކްޓަރުންނަށް ސްކޫލުން އަންގާފައި ނުވާއިރު، މައުލޫމާތު ލިބިފައިވާ ގޮތުގައި އިންސްޓްރަކްޓަރުންނާއެކު ސްކޫލްގެ ހެޑް އޮފް ޓްރެއިނިން ސުރަންޖަން ޑި ސިލްވާ މިއަދު ބައްދަލުވުމެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.

ފްލައިން ސްކޫލްގެ އިންސްޓްރަކްޓަރުން ހަޅުތާލުގައި ތިބިއިރު، މުސާރަ ނުދޭތީ އެ ސްކޫލްގެ މުވައްޒަފުން މިދިޔަ އަހަރު ވެސް ވަނީ ހަޅުތާލުކޮށްފައެވެ.

މައްސަލަ ބޮޑުވެފައިވާ ފްލައިން ސްކޫލްގައި މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ދުއްވާނެ ބޯޓެއް ނެތްއިރު، ފްލައިން ސްކޫލްގެ ދަރިވަރުންގެ ޔޫނިއަނުން ވަނީ ހަ މަސް ދުވަސްވީއިރު ވެސް އެ ސްކޫލްގެ މައްސަލައަށް ހައްލެއް ލިބިފައި ނުވާތީ ކަންބޮޑުވުން ފާޅުކޮށް އިއްޔެ ބަޔާނެއް ނެރެފައެވެ.

އެގޮތުން އެ ޔޫނިއަނުން ވަނީ ބޯޓުތައް ގްރައުންޑް ވުމަކީ ސްކޫލުގެ އިހުމާލުން ދަރިވަރުންނަށް ލިބެމުންދާ ސިލްސިލާ ގެއްލުންތަކަށް އިތުރުވި ބޮޅެއް ކަމަށް ބުނެފައެވެ.

"ސްކޫލްގެ އިހުމާލުން ދަރިވަރުންނަށް އިޔާދަނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތަކެއް ވަމުންދާއިރު، މިފަދަ ކަންކަން ތަކުރާރުވުމުގައި ސްކޫލް ޒިންމާދާރު ކުރުވުމުގެ މަސްއޫލިއްޔަތާ ހަވާލުވެފައިވާ ފަރާތްތަކަށް އެ ޒިންމާ އެންމެ އެކަށީގެންވާ ގޮތެއްގައި އަދާ ނުކުރެވޭ ކަމަށް މިޔޫނިއަން އިން ގަބޫލުކުރަމެވެ" އެ ބަޔާނުގައި ވެއެވެ.