ޔޫއެފާ އަށް ގޮންޖެހުމަށްފަހު އުފެއްދި ޔޫރަޕިއަން ސުޕަ ލީގު ސަސްޕެންޑްކޮށްފިއެވެ.
ޔޫއެފާ އާއި އެކި ގައުމުތަކުގެ ސިޔާސީ އަދި ކުޅިވަރާ ބެހޭ އިސް ފަރާތްތަކުން ތަފާތު އެކި އިންޒާރުތައް ދެމުންދަނިކޮށް އުފެއްދި މި ލީގު ސަސްޕެންޑް ކުރީ ޕްރެޝަރާއި ހެދި އެ ލީގުގައި ބައިވެރިވެފައިވާ ބައެއް ޓީމުތަކުން އެ ލީގުން ވަކިވާން ނިންމުމާ ގުޅިގެންނެވެ.
އެގޮތުން އެ ލީގުން ވަކިވެފައިވަނީ އިނގިރޭސި ހަ ކްލަބު ކަމަށްވާ މެންޗެސްޓަރ ޔުނައިޓެޑާއި، މެންޗެސްޓަރ ސިޓީ އާއި ލިވަޕޫލް އާއި ޗެލްސީ އާއި ޓޮޓެންހަމް އާއި އާސެނަލްގެ އިތުރުން އިޓަލީގެ ދެ ކްލަބު ކަމަށްވާ އިންޓަ މިލާނާއި އޭސީ މިލާނެވެ.
އެ ލީގުގައި މިހާރު ބާކީ ތިބީ އިޓަލީގެ ޔުވެންޓަސް އާއި ސްޕެއިންގެ ތިން ކްލަބު ކަމަށްވާ ރެއާލް މެޑްރިޑާއި، ބާސެލޯނާގެ އިތުރުން އެތްލެޓިކޯ މެޑްރިޑެވެ.
ސުޕަ ލީގުން ނެރުނު ބަޔާނެއްގައި ބުނީ ސަޕޯޓަރުންނަށް ވީހާވެސް ފުރިހަމަ ގޮތެއްގައި މުބާރާތް ގެނެސްދިނުމުގެ ގޮތުން މިވަގުތުގެ ހާލަތަށް ބަލައި ލީގަށް އެކަށީގެންވާ ބަދަލުތަކެއް ގެނައުމަށް ނިންމާފައިވާ ކަމަށެވެ. އަދި އާ މުބާރާތެއް ތައާރަފް ކުރުމުގެ ބޭނުމަކީ މިހާރުގެ ސިސްޓަމް ރަނގަޅު ގޮތެއްގައި ނުހިނގާތީ ކަމަށާއި މިއީ ޔޫރަޕްގެ ގާނޫނުތަކާއި އެއްގޮތްވާ ގޮތުގެ މަތީން އުފައްދާފައިވާ ލީގެއް ކަމަށްވެސް ބުނެފައިވެއެވެ.
ޗެމްޕިއަންސް ލީގާއި ވާދައަށް އުފެއްދި މި މުބާރާތް މިއަހަރުގެ އޮގަސްޓު މަހު ފެށުމަށް އޮތީ ނިންމާފައެވެ.
ސުޕަ ލީގުގެ ޗެއާމަނަކީ ރެއާލް މެޑްރިޑްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް އެވެ. އަދި ވައިސް ޗެއާމަނުންނަކީ ލިވަޕޫލްގެ ވެރިޔާ ޖޯން ހެންރީ އާއި މެންޗެސްޓާ ޔުނައިޓެޑްގެ ޖޯލް ގްލޭޒާ އާއި ޔުވެންޓަސްގެ ޗެއާމަން އަންދްރެއާ އަގްނޭލީއެވެ.