Last Updated: April 26, 20:24
Friday, April 26, 2024
ޚަބަރު

ފްލޮއިޑްގެ މަރު: ފުލުސް މީހާގެ މައްޗަށް މީހަކު މެރުމުގެ ކުށް ސާބިތުވެއްޖެ

ހައްޔަރުކުރަން އުޅުމުގެތެރޭގައި އަމަލުކުރި ލާއިންސާނީ ގޮތްތަކުގެ ސަބަބުން މަރުވި ޖޯޖް ފްލޮއިޑްގެ މަރުގެ މައްސަލައިގައި ދައުވާ އުފުލި ކުރީގެ ފުލުސް މިހާ ޑެރެކް ޝޯވިން މައްޗަށް އުފުލި ދައުވާތައް ސާބިތުވެއްޖެއެވެ.

އެމެރިކާގެ މިނިއަޕޮލިސްގައި މިދިޔަ އަހަރު މެއި މަހުގެ 25ވަނަ ދުވަހު ޖޯޖް ފްލޮއިޑް ހައްޔަރު ކުރަން އުޅުމުގެ ތެރޭގައި ފުލުހުން ވަނީ ބާރުގެ ބޭނުންކޮށްފައެވެ. އެގޮތުން ފްލޮއިޑްގެ ބަނޑުވަތަށް ބާއްވާ ފަހަތަށް ބިޑިއަޅުވާފައި އޮތްއިރު ޝޯވިން ވަނީ ކަކުލުން ފްލޮއިޑްގެ ކަރަށް އަރާ 9 މިނެޓު ވަންދެން އިނދެފައެވެ. އަދި ފޮލޮއިޑް މަރުވެފައިވަނީ އެގޮތަށް ކަރަށް އަރާ އިނުމުން ނޭވާ ހާސްވެގެންނެވެ.

އެމައްސަލައާއި ގުޅިގެން ޑެރެކް ޝޯވިން ފުލުހުންގެ ވަޒީފާއިން ވަކިކޮށް އޭނާގެ މައްޗަށް ވަނީ މީހަކު މަރާލުލުމުގެ ދަޢުވާއާއި ދެވަނަ ދަރަޖައިގައި މީހަކު މަރާލުމާއި ތިންވަނަ ދަރަޖައިގައި މީހަކު މަރާލުމުގެ ދައުވާ އުފުލާފައެވެ.

މި މައްސަލައިގައި 12 މީހުންގެ މައްޗަށް ހިމެނޭ ޖޫރީން ނިންމާފައިވަނީ ފްލޮއިޑްގެ މަރާގުޅިގެން އުފުލާފައިވާ ދައުވާތައް ޝޯވިންގެ މައްޗަށް ސާބިތުވާ ކަމަށެވެ. ޝޯވިންގެ މައްޗަށް މައްސަލަ ސާބިތުވާކަމަށް ޖޫރީން ނިންމުމުން ގާޒީ ވަނީ ކަފާލާތުގެ ދަށުންވެސް ޝޯވިން ދޫނުކުރެވޭނެ ކަމަށް ކަނޑައަޅާފައެވެ. އަދި އޭނާގެ މައްޗަށް ހުކުމް އިއްވުން އޮންނާނީ އަށް ހަފްތާފަހުން ބާއްވާ އަޑުއެހުމުގައެވެ.

ޖޯޖް ފްލޮއިޑްގެ މަރުގެ މައްސަލައިގައި އެކަމަކީ ކަޅު ނަސްލުގެ މީހުންނާއި ދެކޮޅަށް ހިންގި ކަމެއްގެ ގޮތުގައި ސިފަކޮށް އެމެރިކާގެ އެކިހިސާބުތަކުގައި ވަނީ ބޮޑެތި މުޒާހަރާތައްވެސް ބާއްވާފައެވެ.