Last Updated: June 30, 14:08
Tuesday, June 30, 2026
ޚަބަރު

އޯވާޑްރާފްޓްގެ މުއްދަތު އިތުރު ކުރުމުގެ މައްސަލަ 9 މެމްބަރުންގެ ކޮމިޓީއަކަށް

މަޖިލިސް ތަޅުން-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ހަރަދުތައް ފޫބެއްދުމަށް ދައުލަތުގެ ހަރަދަށް ޒިންމާވާ ގާނޫނުގެ ބައެއް މާއްދާތަކަށް އަމަލުނުކުރާގޮތަށް އޮތް އޮތުން އިތުރު އަހަރު ދުވަހަށް އިތުރުކޮށްދިނުމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އެދިވަޑައިގެންފައި އޮތް މައްސަލަ ނުވަ މެމްބަރުންގެ ވަގުތީ ކޮމިޓީއަކަށް ފޮނުވުމަށް ފާސްކޮށްފިއެވެ.

މި މައްސަލައިގައި ވަކި ކޮމިޓީއެއް ނަގައިގެން ކުރިއަށް ގެންދިއުމަށް އިއްޔެގެ މަޖިލީހުގައި ވެސް މަސައްކަތް ކުރިއެވެ. އެހެންނަމަވެސް ވަކި ކޮމިޓީއަކަށް މިމައްސަލަ ފޮނުވައިގެން ކުރިއަށް ގެންދިއުމަށް އިއްޔެ ފާސްވެފައެއް ނުވެއެވެ.

މިއަދުގެ ޖަލްސާއަށް މި މައްސަލަ އަނެއްކާވެސް ތާވަލުކުރި އިރު، އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން ވަނި އޮވާޑްރާފްޓްގެ މުއްދަތު އަހަރަކަށް އިތުރުކުރަން ހުށަހެޅި މައްސަލަ ނުވަ މެމްބަރުންގެ ވަގުތީ ކޮމިޓީއަކަށް ފޮނުވުމަށް ހުށަހަޅާފައެވެ. އެ ހުށަހެޅުން ފާސް ކޮށްފައިވަނީ ޖަލްސާގައި ބައިވެރިވި 51 މެމްބަރުންގެ ވޯޓުންނެވެ.

މި ވަގުތީ ކޮމިޓީގައި ހިމެނެނީ މެމްބަރު މުހައްމަދު އަސްލަމް، މެމްބަރު އިލިޔާސް ލަބީބް، މެމްބަރު ޔައުގޫބް އަބްދުﷲ، މެމްބަރު ހުސައިން ޝަހީމް، މެމްބަރު އިބްރާހިމް ނަސީމް، މެމްބަރު އަހުމަދު ސިޔާމް މުހައްމަދު، މެމްބަރު ގާސިމު އިބްރާހިމް، މެމްބަރު މުހައްމަދު ސައީދު އަދި މެމްބަރު މުހައްމަދު ރަޝީދު ހުސައިންއެވެ. މި ނުވަ މެމްބަރުން ކޮމިޓީގައި ހިމެނުމަށް ހުށަހެޅީ މެޖޯރިޓީ ލީޑަރު އަލީ އާޒިމްއެވެ. އަދި އެ ނުވަ މެމްބަރުންގެ ކޮމިޓީ މަޖިލީހުން ފާސްކޮށްފައިވަނީ 48 މެމްބަރުންގެ ވޯޓުންނެވެ.

ރައީސް ނަޝީދު ވަނީ އެ ކޮމިޓީގެ މަސައްކަތް މިއަދު ފައްޓަވާ މައްސަލައިގައި ނިންމަވާ ގޮތެއްގެ ރިޕޯޓް މާދަމާއަށް އެކުލަވާލުމަށް އެދިވަޑައިގެންފައެވެ. އަދި ޕާޓީތަކުގެ އިއުތިރާޒް ނެތްނަމަ ބްރާސްފަތި ދުވަހު މިމައްސަލައިގައި ޖަލްސާއެއް ބޭއްވުމަށް ބޭނުންވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އޯވާ ޑްރާފްޓްގެ މައްސަލައިގައި މިނިސްޓަރު އަމީރު މަޖިލީހަށް ފޮނުވި ސިޓީގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުން ދީފައިވާ އިސްތިސްނާއަށް 1 އަހަރުވާން ކައިރިވެފައިވާއިރު، މި އިޤްތިސާދީ ފުން ވަޅުގަނޑުން އެއްކޮށް އަރައިގަނެވިފައި ނުވާކަމަށެވެ.

މިނިސްޓަރު އަމީރު މަޖިލީހަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ކޯވިޑްގެ ބަލިމަޑުކަމާއި ގުޅިގެން އިއުލާންކޮށްފައިވާ ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު މިހާތަނަށްވެސް އުވާލައިފައި ނުވާތީ، ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނުގެ 36 ވަނަ މާއްދާގެ ދަށުން ލިބިދޭ އިސްތިސްނާ ހާލަތުން އަދި އަރައިގަނެވިފައިނުވާކަމަށެވެ. މިގޮތުން ޕެންޑެމިކް ޙާލަތުގައި ދެމިއޮތުމުގެ ސަބަބުން އެ މާއްދާގައި ބަޔާންކުރާ ޤުދުރަތީ ކާރިސާ އެއް އޮތްކަމަށެވެ. އަދި ވޭތުވެދިޔަ 4 ކުއާޓަރުގައި ރާއްޖޭގެ އުފެއްދުންތެރިކަން ދަށްވެފައިވުމާއި އަންއެމްޕްލޯއިމަންޓް ރޭޓް މަތީގައި ހުރުމާއި ބޭރު ފައިސާގެ އާމްދަނީ ދަށްވެފައިވުމާއެކު ރާއްޖޭގެ ބެލެންސް އޮފް ޕޭމަންޓްސްއަށް ލޮޅުން އައިސްފައިވުމާއެކު، އެ އިޤްތިސާދީ ބޮޑު ހީނަރުކަމެއް ދިމާވެފައިވާކަމަށެވެ.

އަދި ރާއްޖޭގެ ވަޒީފާ ނެތް މީހުންނާއި ވިޔަފާރިތަކުގެ ވިކުރާ ވެސް ދަށްވެފައިވާ ކަމަށާ، އެހެންކަމުން ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ 36 ވަނަ މާއްދާ އިން ދިން އިސްތިސްނާގެ ހާލަތުން އަރައިގަނެވިފައި ނުވާކަމަށެވެ.

"މި ވަގުތު ދައުލަތުގެ ހަރަދަށް ޒިންމާވާ ގާނޫނުގެ އިސްތިސްނާތަކަށް އަމަލު ކުރުމަކީ ހަރަދަށް ޒިންމާވާ ގާނޫނުގެ 32 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ބައެއް ފިސްކަލް ހަމަތަކަށް އަމަލު ކުރުމަކީ ރާއްޖޭގެ އިގްތިސޯދު އަދި މާލީ ހާލަތު ތަންދޭ ކަމެއް ނޫންނެވެ." މިނިސްޓަރު އަމީރު މަޖިލީހަށް ފޮނުވި ސިޓީގައިވެއެވެ.

ރާއްޖޭގެ ކޭޝްފްލޯ ހަމަޖެއްސުމަށް ސަރުކާރުން ވަނީ އެމްއެމްއޭއިން 4.4 ބިލިއަން ރުފިޔާ އޯވާޑްރާފްޓް ކޮށްފައެވެ. މިނިސްޓަރު އަމީރު މަޖިލީހުގައި އެދިފައިމިވަނީ އޯވަޑްރާފުޓުގެ ގޮތުގައި ނެގި 4.4 ބިލިއަން ރުފިޔާ އަނބުރާ ދައްކަން ސަރުކާރަށް އިތުރު އެއް އަހަރުގެ މުއްދަތު ދިނުމަށެވެ.