Last Updated: June 30, 14:08
Tuesday, June 30, 2026
ޚަބަރު

އޯވާޑްރާފްޓްގެ މައްސަލަ: ޕާޓީތަކުން ދެކޮޅު ނަހަދާނަމަ މާދަމާ ޖަލްސާއެއް ބާއްވަނީ!

ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ހަރަދުތައް ފޫބެއްދުމަށް ދައުލަތުގެ ހަރަދަށް ޒިންމާވާ ގާނޫނުގެ ބައެއް މާއްދާތަކަށް އަމަލުނުކުރާގޮތަށް އޮތް އޮތުން އިތުރު އަހަރު ދުވަހަށް އިތުރުކޮށްދިނުމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ހުށަހަޅާފައިވާ މައްސަލައާއި ގުޅިގެން ޕާޓީތަކުން ދެކޮޅު ނަހަދާނަމަ މާދަމާ މަޖިލީހުގެ ޖަލްސާއެއް ބައްވާނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އޯވާޑްރާފްޓްގެ މައްސަލައިގައި ވަކި ކޮމިޓީއެއް ނަގައިގެން ކުރިއަށް ގެންދިއުމަށް އިއްޔެގެ މަޖިލީހުގައި ވެސް މަސައްކަތް ކުރިއެވެ. އެހެންނަމަވެސް ވަކި ކޮމިޓީއަކަށް މިމައްސަލަ ފޮނުވައިގެން ކުރިއަށް ގެންދިއުމަށް އިއްޔެ ފާސްވެފައެއް ނުވެއެވެ.

މިއަދުގެ ޖަލްސާއަށް މި މައްސަލަ އަނެއްކާވެސް ތާވަލުކުރި އިރު، 51 މެމްބަރުންގެ ވޯޓުން ވަނީ މި މައްސަލަ ނުވަ މެމްބަރުންގެ ވަގުތީ ކޮމިޓީއަކަށް ފޮނުވުމަށް ތާވަލުކޮށްފައެވެ.

ކޮމިޓީ ފާސްވުމުން ރައީސް ނަޝީދު ވަނީ އެ ކޮމިޓީގެ މަސައްކަތް މިއަދު ފައްޓަވައި ކުރިއަށް ގެންދިއުމަށް އެދިވަޑައިގެންފައެވެ. އަދި ކޮމިޓީ ރިޕޯޓް މާދަމާއަށް ނިންމަވައިދެއްވުމަށް އެދޭކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ ސިޔާސީ ޕާޓީތައް ދެކޮޅު ނަހަދާނަމަ އެ ރިޕޯޓަށް ވޯޓަށް އެހުމަށް މާދަމާ ޖަލްސާއެއް ބާއްވާނެ ކަމަށެވެ. މާދަމާ ޖަލްސާ ނުބޭއްވިއްޖެނަމަ އާދީއްތަ ދުވަހު ޖަލްސާ ބާއްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"ސިޔާސީ ޕާޓީތަކުގެ ރުހުން ވާނަމަ، އަޅުގަނޑު މާދަމާ ޖަލްސާ ބާއްވާ ރިޕޯޓް މަޖިލީހުގެ ތަޅުމުން ވޯޓަށް އަހާނަން. ސިޔާސީ ޕާޓީތަކުގެ ރުހުން އެއްވެސް ސަބަބަކާ މެދުވެރިވެ ނުލިބިއްޖެނަމަ، އަޅުގަނޑުމެނަށް ރިޕޯޓަށް ވޯޓަށް އެހޭނީ އާދިއްތަ ދުވަހު. އަޅުގަނޑު އުންމީދު ކުރަނީ ސިޔާސީ ޕާޓީތަކުގެ ރުހުން މިފަދަ ކަމެއްގައި ލިބޭނެ ކަމަށް." ރައީސް ނަޝީދު ވިދާޅުވިއެވެ.

އޮވާޑްރާފްޓްގެ މައްސަލަ ބެލުމަށް ފޮނުވި ނުވަ މެމްބަރުންގެ ވަގުތީ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ މެމްބަރު މުހައްމަދު އަސްލަމް، މެމްބަރު އިލިޔާސް ލަބީބް، މެމްބަރު ޔައުގޫބް އަބްދުﷲ، މެމްބަރު ހުސައިން ޝަހީމް، މެމްބަރު އިބްރާހިމް ނަސީމް، މެމްބަރު އަހުމަދު ސިޔާމް މުހައްމަދު، މެމްބަރު ގާސިމު އިބްރާހިމް، މެމްބަރު މުހައްމަދު ސައީދު އަދި މެމްބަރު މުހައްމަދު ރަޝީދު ހުސައިންއެވެ.