މިއަހަރު ސިފައިންގެ ޝިއާރުން ރަމްޒުކޮށްދެނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ހަރުދަނާ ތަސައްވުރި ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މާރިޔާ މިފަދައިން ވިދާޅުވެފައިވަނީ ސިފައިންގެ 129 ވަނަ އަހަރީ ދުވަހާއި ގުޅިގެން ދެއްވި ޚިތާބުގައެވެ.
މިނިސްޓަރު މާރިޔާ ވިދޅާުވީ 2017 ވަނަ އަހަރާއި 2018 ވަނަ އަހަރުގެ ސިފައިންގެ އަހަރީ ދުވަހުގެ ޝިއާރު ވެގެންދިޔައީ ހަމައެކަނި ސިފައިންގެ އަހަރީ ދުވަހު އިއުލާނު ކޮށްލުމަށްފަހު ވަތްގަނޑަށްލާ ތަޅުލާފައި އޮތް ޝިއާރުތަކަކަށް ކަމަށެވެ. އަދި އެ ޝިއާރުތައް ހަގީގަތަކަށް ހެދުމަށް އެއްވެސް މަސައްކަތެއް ކުރެވިފައި ނެތްކަން ފާހަގަކޮށް މިނިސްޓަރު މާރިޔާ ވިދާޅުވީ ވޭތުވެދިޔަ ހަތަރު އަހަރުގެ ޝިއާރު ފާއިތުވި ދެ އަހަރުގެ ތެރޭގައި އެއްފަހަރާ ހަގީގަތަކަށް ހެދުމަށް ކުރެވުނު މަސައްކަތުން އެތައް ކާމިޔާބީއެއް ހާސިލިކުރެވިފައިވާކަމަށެވެ.
މިއަހަރު ސިފައިންގެ ޝިއާރުގެ ގޮތުގައި ކަނޑައަޅާފައިވާ "ސިފައިންގެ ޤާބިލުކަން – ޤައުމުގެ އަމާންކަން"، މި ޝިއާރުން ރަމްޒުކޮށްދެނީ ރައީސް ސޯލިހްގެ ހަރުދަނާ ތަސައްވުރު ކަމަށް ވެސް މިނިސްޓަރު މާރިޔާ ވިދާޅުވިއެވެ.
މިނިސްޓަރު މާރިޔާ ވިދާޅުވީ ދިވެހި އަސްކަރިއްޔާފެ ގާބިލުކަމާއި ހުނަރުވެރިކަމާއި ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ރާއްޖެއާއި ރާއްޖެއިން ބރުނުް ތަމްރީނާއި ތައުލީމުގެ ފުރުސަތުތައް ފަހިކޮށްދީ، ދިވެހި އަސްކަރިއްްޔާގެ ތެރޭގައި މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް، ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަމަށެވެ. އަދި އަންހެން ސިފައިން ބާރުވެރިކުރުވުމުގައި އިތުރު ހަރުފަތްތަކެއް ގިރާކުރެވިފައިވާކަމަށެވެ.
އެގޮތުން އެމްއެންޑިއެފްގެ ތާރީހުގައި ފުރަތަމަ ފަހަރަށް ލްފްޓިނެންޓް ކާނަލްގެ މަގާމަށް އަންހެން ބޭފުޅުން އައްޔަނުކުރުމާއި ގުޅިގެން ދިވެހި ގައުމީ ދިފާއީ ބާރުގެ އެންމެ މަތީ ފަޑީގައި ފުރަތަމަ ފަހަރަށް ލެފްޓިނެންޓް ކާނަލް ރޭންކުގެ އޮފިސަރުންނަށް ތިބެވޭނެ މަގުފަހިކޮށްފައިވާކަމަށް މިނިސްޓަރު މާރިޔާ ވިދާޅުވިއެވެ. އަދި އެމްއެންޑީއެފްގެ ހުރިހާ ބޯޑެއްގައި ވެސް އަންހެން ބޭފުޅުން މިއަދު ތިއްބަވާނެކަމަށް ވިދާޅުވިއެވެ.