Last Updated: June 30, 14:08
Tuesday, June 30, 2026
ޚަބަރު

ލޯޖެހި އަހުމަދުމަނިކްގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

ރާއްޖޭގެ ވިޔަފާރީގެ ދާއިރާގައި ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ ގ. ޕާރނިސް ލޯޖެހި އަޙްމަދުމަނިކު ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވުމާ ގުޅިގެން، އެ އާއިލާއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް ފޮނުއްވެވި ތައުޒިޔާގެ މެސެޖުގައި ލޯޖެހި އަހުމަދު މަނިކް ނިޔާވި ހަބަރު އެއްސެވީ، ވަރަށްފުން ހިތާމައާ އެކުގައި ކަމަށާއި، މި ހިތާމައިގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގެން، އާއިލާގެ އެންމެހައި މެންބަރުންނަށް ތައުޒިޔާ ވިދާޅުވާކަމަށެވެ.

ލޯޖެހި އަހްމަދު މަނިކު އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްކޮޅެއްވުމަށްފަހު ރޭ އިރާކޮޅު އިންޑިޔާގެ ބެންގަލޫރުގައެވެ. އަވަހާރަވިއިރު އަމުރުފުޅަކީ 80 އަހަރެވެ.

އިޤްތިސާދީ މަސައްކަތް ކުރިއެރުވުމުގެ ރޮނގުން 1997 ވަނަ އަހަރު ލޯޖެހި އަހުމަދު މަނިކަށް ވަނީ އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ. އަދި ކުދި ފަންތިއާއި މެދު ފަންތީގެ ވިޔަފާރީގެ ދާއިރާއިން އުފެއްދުންތެރިކަން އިތުރުކުރުމުގެ ރޮނގުން 2009 ވަނަ އަހަރު ވަނީ ޝަރަފުވެރިކަމުގެ ޤައުމީ އިނާމުވެސް ލިބިވަޑައިގެންފައެވެ.

އަލްމަރްހޫމް ލޯޖެހި އަޙްމަދުމަނިކަކީ ވިޔަފާރީގެ ދާއިރާގެ އިތުރުން، ގަލޮޅު އަވަށުގެވެސް ވަރަށް އިސް ބޭފުޅެކެވެ. އަވަށު ފެންވަރުގައާއި ޤައުމީ ފެންވަރުގައި ކުރެވޭ ގިނަ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެން، ހިލޭސާބަހަށް ގިނަ މަސައްކަތްތަކެއް ވަނީ ކޮށްދެއްވާފައެވެ.