Last Updated: June 30, 14:08
Tuesday, June 30, 2026
ޚަބަރު

ބޮޑުވަޒީރެއް ގާއިމުކޮށް ބާރުތައް ވަކިކުރަންޖެހޭ: ބޮންޑޭ

މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ބޮޑުވަޒީރަކު ގެނެސް ބާރުތައް ވަކިކުރަން ޖެހޭ ކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޕެންޝަން ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ވާހަކަ ދައްކަވަމުން ބޮންޑޭ ވިދާޅުވީ އިސްލާހުގައި ސިޔާސަތެއް ކަނޑައަޅަންޖެހޭ ވާހަކަ އެބައޮތް ކަމަށާއި، އަދި ސިޔާސަތު ކަނޑައަޅާ އެޔަށް އަމަލުކުރުމުން 1.5 ބިލިއަން ރުފިޔާ ސަލާމަތްވާނެ ކަމަށް ބަޔާންކޮށްފައިވާކަމަށެވެ.

އެހެންނަމަވެސް އެ ސިޔާސަތަކީ ކޮބައިކަމާއި އެ ސިޔާސަތު ކަނޑައަޅަންޖެހޭ ފަރާތެއް ބަޔާންކޮށްފައި ނެތްކަމަށް ބުނެ ބޮންޑޭ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

މީގެ އިތުރުން ވާހަކަ ދައްކަވަމުން ބޮންޑޭ ވިދާޅުވީ 2005 ވަނަ އަހަރު ރައީސް އޮފީހުން ނެރެފައިވާ ފޮތެއްގައި ސަރުކާރުގެ ވެރިޔާއާއި ދައުލަތުގެ ވެރިޔާ ވެކިކުރުމުގެ ވާހަކަތަކެއް ރައިސް މައުމޫން ދައްކަވާފައިވާކަމަށެވެ. ބޮންޑޭ ވިދާޅުވީ ގައުމު ނުހިނގައިގެން އުޅެނީ ސަރުކާރުގެ ވެރިޔާއާއި ދައުލަތުގެ ވެރިޔަކީ އެކަކަށް ވުމުން ކަމަށެވެ.

ބޮންޑޭ ވިދާޅުވީ ރައީސް މައުމޫން ދެކެ ކިތަންމެ ރުޅިއަޔަސް ރަނގަޅަށް ކަމެއް ކޮށްފިނަމަ އެކަމެއް ވާނީ ރަނގަޅު ކަމަކަށް ކަމަށާއި، އެމަނިކުފާނުވެސް ބޭނުންފުޅުވީ ބޮޑުވަޒީރަކު ބަހައްޓާ ސަރުކާރުގެ ވެރިޔާއާއި ދައުލަތުގެ ވެރިޔާ ވަކިކުރުމަށް ކަމަށެވެ. އެހެންނަމަވެސް އެމަނިކުފާނު ފަހުން ތާއީދު ކުރެއްވީ ރިޔާސީ ނިޒާމަށް ކަމަށްވެސް ބޮންޑޭ ވިދާޅުވިއެވެ.

ބޮންޑޭ ވިދާޅުވީ ރާއްޖޭގައި ތިން ބާރު ވަކިކުރި ވާހަކަ ދެއްކިނަމަވެސް ބާރުތައް ވަކި ނުވާކަމަށެވެ. އަދި ބާރުތައް ވަކިކުރުމަށް ބޮޑުވަޒީރަކު ގާއިމުކޮށް ގައުމު ހިންގާ ފަރާތާއި ދައުލަތް ހިންގާ ފަރާތް ވަކިކުރަންޖެހޭ ކަމަށެވެ.