Last Updated: June 30, 14:08
Tuesday, June 30, 2026
ޚަބަރު

އާންމުންގެ ޖީބުތައް ހުސްކުރާއިރު ސަރުކާރުގެ ހިދުމަތް ސުމެއް: ޑރ. ޖަމީލް

ޑރ. މުހައްމަދު ޖަމީލް އަހުމަދު-- ފޮޓޯ: އަވަސް

ރައްޔިތުންގެ ޖީބުތައް ހުސްކުރާއިރު ސަރުކާރުގެ ހިދުމަތުގެ ރޭޓް ހުރީ ސުމެއްގައި ކަމަށް ކުރީގެ ނައިބު ރައިސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ހަރަދުތައް ފޫބެއްދުމަށް ދައުލަތުގެ ހަރަދަށް ޒިންމާވާ ގާނޫނުގެ ބައެއް މާއްދާތަކަށް އަމަލުނުކުރާގޮތަށް އޮތް އޮތުން އިތުރު އަހަރު ދުވަހަށް އިތުރުކޮށްދިނުމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މަޖިލީހުގައި އެދިފައި އޮތް މައްސަލައާއި ގުޅޭގޮތުން ކުރެއްވި ޓްވީޓެއްގައި ޑރ. ޖަމީލް ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ފުނޑި މުވައްޒަފުންނަށް މުސާރަ ދޭނެގޮތް ސަރުކާރުގައި މިހާރު ނެތްކަމަށެވެ.

ރާއްޖެ މިހާލަތަށް ވެއްޓުނީ ދެކޮޅު ޖެހޭ ސިޔާސަތެއް ނެތުމުން ކަމަށް ޖަމީލް ވިދާޅުވިއެވެ.

"ސިޔާސީ މަޤާމްތައް، ބޯޑުތައް، ދަތުރުތަކަށް ހުއްޓުމެއްނެތް. ވަޒީފާއަށް ނުނުކުމެ މުސާރަ ނަގަނީ. ޢާއްމުންގެ ޖީބު ހުސްކުރާއިރު ޚިދުމަތް ސުމެއް! އެމްޑީޕީން ރައްޔިތުން ލޫޓްވަނީ" ޑރ. ޖަމީލްގެ ޓްވީޓްގައިވެއެވެ.

ކޯވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް އައި ހީނަރުކަމުން އައިގަތުމަށް ދައުލަތުގެ ކޭޝްފްލޯ މެނޭޖް ކުރުމަށްޓަކައި، މަރުކަޒީ ބޭންކު (އެމްއެމްއޭ)އިން ސަރުކާރަށް ދަރަނި ނެގޭގޮތަށް މިދިޔަ އަހަރު މަޖިލީހުން ދީފައިވާ ހުއްދަ އިތުރުކޮށްދިނުމަށް ފިނޭންސް މިނިސްޓްރީން އެދިފައިވަނީ އިތުރު އެއް އަހަރު ދުވަހަށެވެ. އަދި މަޖިލީހުން ވަނީ އެ މައްސަލަ ދިރާސާ ކުރުމަށް ވަގުތީ ކޮމިޓީއެއް ނަގާފައެވެ.