ހަރަދުތައް ފޫބެއްދުމަށް ދައުލަތުގެ ހަރަދަށް ޒިންމާވާ ގާނޫނުގެ ބައެއް މާއްދާތަކަށް އަމަލުނުކުރާގޮތަށް އޮތް އޮތުން އިތުރު އަހަރު ދުވަހަށް އިތުރުކޮށްދިނުމަށް މަޖިލީހުގެ ވަގުތީ ކޮމިޓީން ފާސްކޮށްފިއެވެ.
އޯވާޑްރާފްޓްގެ މައްސަލަ މަޖިލީހުގެ ނުވަ މެމްބަރުންގެ ވަގުތީ ކޮމިޓީއަކަށް އިއްޔަ ފޮނުވާފައިވާއިރު، އިއްޔަ ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި ވަނީ އަޣުލަބިއްޔަތުން މުއްދަތު އިތުރުކުރަން ފާސްކޮށްފައެވެ.
ކޮމިޓީގެ ބައްދަލުވުމުގައި އިއްޔަ ވަނީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި އެމްއެމްއޭގެ އިސް ބޭފުޅުންގެ އިތުރުން އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތާ ބައްދަލުކުރައްވާފައެެވެ.
އޯވާ ޑްރާފްޓްގެ މައްސަލައިގައި މިނިސްޓަރު އަމީރު މަޖިލީހަށް ފޮނުވި ސިޓީގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުން ދީފައިވާ އިސްތިސްނާއަށް 1 އަހަރުވާން ކައިރިވެފައިވާއިރު، މި އިޤްތިސާދީ ފުން ވަޅުގަނޑުން އެއްކޮށް އަރައިގަނެވިފައި ނުވާކަމަށެވެ.
މިނިސްޓަރު އަމީރު މަޖިލީހަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ކޯވިޑްގެ ބަލިމަޑުކަމާއި ގުޅިގެން އިއުލާންކޮށްފައިވާ ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު މިހާތަނަށްވެސް އުވާލައިފައި ނުވާތީ، ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނުގެ 36 ވަނަ މާއްދާގެ ދަށުން ލިބިދޭ އިސްތިސްނާ ހާލަތުން އަދި އަރައިގަނެވިފައިނުވާކަމަށެވެ. މިގޮތުން ޕެންޑެމިކް ޙާލަތުގައި ދެމިއޮތުމުގެ ސަބަބުން އެ މާއްދާގައި ބަޔާންކުރާ ޤުދުރަތީ ކާރިސާ އެއް އޮތްކަމަށެވެ. އަދި ވޭތުވެދިޔަ 4 ކުއާޓަރުގައި ރާއްޖޭގެ އުފެއްދުންތެރިކަން ދަށްވެފައިވުމާއި އަންއެމްޕްލޯއިމަންޓް ރޭޓް މަތީގައި ހުރުމާއި ބޭރު ފައިސާގެ އާމްދަނީ ދަށްވެފައިވުމާއެކު ރާއްޖޭގެ ބެލެންސް އޮފް ޕޭމަންޓްސްއަށް ލޮޅުން އައިސްފައިވުމާއެކު، އެ އިޤްތިސާދީ ބޮޑު ހީނަރުކަމެއް ދިމާވެފައިވާކަމަށެވެ.
އަދި ރާއްޖޭގެ ވަޒީފާ ނެތް މީހުންނާއި ވިޔަފާރިތަކުގެ ވިކުރާ ވެސް ދަށްވެފައިވާ ކަމަށާ، އެހެންކަމުން ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ 36 ވަނަ މާއްދާ އިން ދިން އިސްތިސްނާގެ ހާލަތުން އަރައިގަނެވިފައި ނުވާކަމަށެވެ.
"މި ވަގުތު ދައުލަތުގެ ހަރަދަށް ޒިންމާވާ ގާނޫނުގެ އިސްތިސްނާތަކަށް އަމަލު ކުރުމަކީ ހަރަދަށް ޒިންމާވާ ގާނޫނުގެ 32 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ބައެއް ފިސްކަލް ހަމަތަކަށް އަމަލު ކުރުމަކީ ރާއްޖޭގެ އިގްތިސޯދު އަދި މާލީ ހާލަތު ތަންދޭ ކަމެއް ނޫންނެވެ." މިނިސްޓަރު އަމީރު މަޖިލީހަށް ފޮނުވި ސިޓީގައިވެއެވެ.
ރާއްޖޭގެ ކޭޝްފްލޯ ހަމަޖެއްސުމަށް ސަރުކާރުން ވަނީ އެމްއެމްއޭއިން 4.4 ބިލިއަން ރުފިޔާ އޯވާޑްރާފްޓް ކޮށްފައެވެ. މިނިސްޓަރު އަމީރު މަޖިލީހުގައި އެދިފައިމިވަނީ އޯވަޑްރާފުޓުގެ ގޮތުގައި ނެގި 4.4 ބިލިއަން ރުފިޔާ އަނބުރާ ދައްކަން ސަރުކާރަށް އިތުރު އެއް އަހަރުގެ މުއްދަތު ދިނުމަށެވެ.