ތިން އަހަރުގެ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ބިދޭސީއަކު ހޯދަން އިއުލާނު ކޮށްފިއެވެ.
ފުލުހުން ހޯދަން އިއުލާނު ކޮށްފައިވަނީ އެމް.ޑީ އިދްރީސް ނަމަކަށް ކިޔާ މީހެކެވެ. ފުލުހުން ވަނީ އޭނާ ސ. ހިތަދޫ ޕޮލިސް ސްޓޭޝަން ނުވަތަ އެންމެ ކައިރީގައިހުރި ޕޮލިސް ސްޓޭޝަނަކަށް، އޭޕްރީލް 29 ވަނަ ދުވަހުގެ 10:00 އަށް ހާޒިރުވުމަށް އެދިފައެވެ.
މި މީހާ ހޯދުމަށް ފުލުހުން އިއުލާނު ކޮށްފައިވަނީ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިންނެވެ.
މި މައްސަލައާއި ގުޅިގެން ފުލުހުން ބުނެފައިވަނީ އުމުރުން 3 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯދާ ލިބިފައިވާކަަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ކްރައިމްސް އަގެއިންސްޓް ޗިލްޑްރަން ޑިޕަރޓްމަންޓަށް ހުށަހެޅުމާއި ގުޅިގެން އެ މައްސަލަ ބަލަމުން އަންނަކަމަށެވެ.
ފުލުހުން ބުނެފައިވަނީ މިމައްސަލަ ހުށަހެޅުމާއި ގުޅިގެން ކުއްޖާއަށް އެއްވެސް ކަހަލަ އަނިޔާއެއް ލިބިފައިވޭތޯ ބެލުމަށް ޑޮކްޓަރަށް ދެއްކިފައިވާ ކަމަށާއި ކުއްޖާއަށް ނަފްސާނީގޮތުން އަސަރުކޮށްފައިވޭތޯ ބެލުމަށް ސައިކޮލޮޖިސްޓަށް ދައްކާ، ސައިކޮލޮޖިކަލް ރިޕޯރޓާއި މައްސަލަ އާއި ގުޅިގެން ހަދަން ޖެހޭ ރިޕޯރޓްތައް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ކުއްޖާގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއާއި ގުޅިގެން ކުރަމުން ގެންދާކަމަށެވެ.
މިމައްސަލަ އަކީ ސީރިއަސް މައްސަލައަކަށްވާތީ، ތަހުގީގަށް ބޭނުންވާ ހެއްކާއި ޤަރީނާ ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންގެންދާކަމުގައި ފުލުހުން ވަނީ ބުނެފައެވެ. އަދި މި މައްސަލައާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް ލަސްކުރުމެއްނެތި އަޅަމުންދާނެކަމަށްވެސް ބުނެފައިވެއެވެ.