Last Updated: June 30, 14:08
Tuesday, June 30, 2026
ޚަބަރު

ރިޔާސީ ނިޒާމަކީ ރާއްޖޭގެ ހާލަތަށް އެންމެ ރަނގަޅު ނިޒާމު: އިބުރާ

ރިޔާސީ ނިޒާމަކީ ރާއްޖޭގެ ހާލަތަށް އެންމެ ރަނގަޅު ނިޒާމުކަމަށް އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހިމް އިސްމާއިލް (އިބްރާ) ވިދާޅުވެއްޖެއެވެ.

ސީއެންއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އިބްރާ ވިދާޅުވީ، އެއްވެސް ތަނެއްގައި ވަކި ނިޒާމެއް ހިންގާނެ ގޮތް ލިޔެފައި ނޯންނަކަމަށާއި، ބަރުލަމާނީ ނިޒާމު އޮންނަ ގައުމުތަކުގައި ވެސް ހިންގުމުގައި ބޮޑެތި ތަފާތުތައް ހުންނަކަމަށް ވިދާޅުވިއެވެ. އިބްރާ ވިދާޅުވީ ނަމެއް ކީނަމަވެސް. ރިޔާސީ ނިޒާމާއި ބަރުލަމާނީ ނިޒާމަކީ އެ ހިންގާނެ ސީދާ ގޮތެއް ލިޔެފައި އޮތް އެއްޗެއް ނޫންކަމަށެވެ.

އިބްރާ ވިދާޅުވީ ރާއްޖޭގައި ވެރިކަން ހިންގާނެ ނިޒާމު ކަނޑައަޅާފައިވަނީ ރައްޔިތުންގެ ވޯޓަކުން ކަމަށާއި، އެ ވޯޓަށް ބިނާކޮށް ޤާނޫނުއަސާސީ އެކުލަވާލާފައިވާ ކަމަށެވެ. އެހެންކަމުން މިއަދު އަލުން އެވާހަކަ ދައްކަން ޖެހޭކަމަށްވެސް ގަބޫލުނުކުރާ ކަމަށް އިބްރާ ވިދާޅުވިއެވެ.

ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބޮޑުވަޒީރުކަން ކުރަން ބޭނުންވާކަން ހާމަކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުވި މެސެޖާގުޅޭގޮތުން އިބްރާ ވިދާޅުވީ ވަކި މީހަކި ވަކި މަގާމަކަށް އާދެވޭގޮތަށް ނިޒާމު ބަދަލު ކުރުމަކީ ދައުލަތް ހިންގުމުގެ ނިޒާމު ބަދަލުކުރުމަށް އޮތް އެއްވެސް ސަބަބެއް ނޫންކަމަށެވެ.

އިބްރާ ވިދާޅުވީ ރާއްޖޭގެ ރައްޔިތުން ބޭނުންވަނީ އެމީހުންގެ މައްޗަށް ވެރިކަން ކުރަން ހުންނަ މީހަކީ ރައްޔިތުންގެ ސީދާ ވޯޓުން އަންނަ މީހަކަށް ވުމަށްކަމަށެވެ. ބަރުލަމާނީ ނިޒާމުގައި ކަންކަން ހިނގާގޮތް ތަފާތުކަން ފާހަގަކޮށް އިބްރާ ވިދާޅުވީ ބަރުލަމާނީ ނިޒާމުގައި އެކި ދާއިރާތަކަށް މީހުން އިންތިހާބުވުމުން އެ އިންތިހާބުވާ މީހުންގެ ތެރެއިން ބޮޑުވަޒީރެއް ހޮވަނީ ކަމަށެވެ. އެހެންކަމުން ބޮޑުވަޒީރު ހޮވުމުގައި ސީދާ ރައްޔިތުންގެ ބަހެއް ނޯންނަ ކަމަށާއި، ރައްޔިތުން ތިބެނީ އެކަމުން ބާކީވެފައިކަމަށެވެ.

"ބަރުލަމާނީ ނިޒާމެއް ގެނެސްފިނަމަ ދިމާވާނެ އެންމެ ބޮޑުކަމެއްކަމަށް އޭރުވެސް ބިރުވެތި ވެވުނުކަމަކީ، މަޖިލީހަށް މެމްބަރުން އިންތިހާބުވާ ގޮތަކަށް ވުމަށްފަހު، މަހުޖަނުން މުއްސަނދިން، އަތްމަތީގަ ފައިސާ ހުރި ހައެއްކަ މީހުން ވެގެން 40 މެމްބަރުން ގަނެލީމާ ބޮޑުވަޒީރު އެމީހުންގެ ޖީބު ތެރެއަށް ވަނީ. ދެން ގައުމުގެ ހުރިހާ ބާރެއް އެއޮތީ އެތާ." އިބްރާ ވިދާޅުވިއެވެ.

އިބްރާ ވިދާޅުވީ ނިޒާމެއް ކަނޑައަޅާ ގާނޫނުއަސާސީ އެކުލަވާލާފައި އޮތްއިރު ރާއްޖޭގައި އަދިވެސް އުޅެނީ އެ ގާނޫނުއަސާސީ ރަނގަޅަށް ނުހިނގައިގެން ކަމަށެވެ. ޤާނޫނުގެ ވެރިކަން ރާއްޖޭގައި އަދި ރަނގަޅަށް ހިންގޭގޮތް ނުވާކަމަށް އިބްރާ ވިދާޅުވިއެވެ. އެހެންނަމަވެސް މިހާރު ރައްޔިތުންގެ ބާރު ގަދަވަމުން އަންނަތަން ފެންނަކަމަށާއި، އަދި އެއީ ރަނގަޅު ކަމެއްކަމަށް އިބްރާ ވިދާޅުވިއެވެ.