Last Updated: June 30, 14:08
Tuesday, June 30, 2026
ޚަބަރު

މިނިސްޓަރު ޝާހިދު ކުވައިތަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުވައިތަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.

މިނިސްޓަރު ޝާހިދުގެ މި ދަތުރުފުޅުގައި ކުވައިތުގެ ބޮޑުވަޒީރު ޝެއިޚް ސަބާހް ޚާލިދް އަލްހަމަދް އަލްސަބާހް އާ ބައްދަލުކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސިޓީފުޅެއް އަރުވާފައިވެއެވެ.

އަދި މިނިސްޓަރު ޝާހިދު ވަނީ ކުވައިތުގެ ފޮރިން މިނިސްޓަރ އަދި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ކެބިނެޓް އެފެއަރޒް ޑރ އަހްމަދު ނާސިރް އަލް މުޙައްމަދު އަލް އަޙްމަދު އަލް އަލް ޖާބިރު އަލް ސަބާޙް އާއި އެޤައުމުގެ އެހެން ބައެއް އިސްވެރިންނާ ބައްދަލުކުރައްވާފައެވެ.

މި ބައްދަލުވުންތަކުގައި ކުވައިތުގެ އެހީގައި ކުރިއަށްދާ މަޝްރޫޢުތަކާ ބެހޭ ގޮތުންނާއި ދެޤައުމުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމުގެ އިތުރުން ބައިނަލްއަޤްވާމީ މަސްރަހުގައި ގުޅިގެން މަސައްކަތްކުރުމާ ބެހޭ ގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ.

މިނިސްޓަރު ޝާހިދުގެ މި ދަތުރުފުޅުގައި ކުވައިތާއި ރާއްޖެއާއި ދެމެދު ވަނީ ދެ އެމްއޯޔޫއެއްގައި ސޮއި ކޮށްފައެވެ. ސޮއިކޮށްފައިވާ ދެ އެމް.އޯ.ޔޫ އަކީ "މެމޮރެންޑަމް އޮފް އަންޑަރސްޓޭންޑިންގ އޮން ކޯޕަރޭޝަން ބިޓްވީން މިނިސްޓްރީ އޮފް ފޮރިން އެފެއަރޒް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ދަ މިނިސްޓްރީ އޮފް ފޮރިން އެފެއަރޒް އޮފް ދަ ސްޓޭޓް އޮފް ކުވައިތު" އާއި "މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ ބިޓްވީން ދަ ގަވަރމަންޓް އޮފް މޯލްޑިވްސް އެންޑް ދަ ގަވަރމަންޓް އޮފް ދަ ސްޓޭޓް އޮފް ކުވައިތު އިން ދަ ފީލްޑް އޮފް ޓޫރިޒަމް" އެވެ.

މި އެމް.އޯ.ޔޫ ތަކުގެ ސަބަބުން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެ، ފަތުރުވެރިކަމުގެ ދާއިރާގައި އެކުގައި މަސައްކަތްކުރުމުގެ ފުރުސަތު ހުޅުވި އަދި ކުރިއަށް އޮތްތަނުގައި ދެޤައުމުގެ ސަރުކާރުތަކުގެ މެދުގައި ވެވޭ އެއްބަސްވުންތައް ތަންފީޒުކުރުމަށް އިތުރަށް ފަސޭހަ ވެގެންދާނެ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ.