Last Updated: April 20, 11:49
Saturday, April 20, 2024
ޚަބަރު

ދެވައްތަރެއްގެ ވެކްސިން މީހެއް ގަޔަށް ޖަހައިފި

ކޮވިޑް-19 އިން ރައްކާތެރިވުމަށް ޖަހާ ވެކްސިން-- ފޮޓޯ: ރައީސް އޮފީސް

ކޮވިޑް-19 އިން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ދެ ވައްތަރެއްގެ ވެކްސިނެއް ރާއްޖޭގައި މީހެއްގެ ގަޔަށް ޖަހާފައިވާކަން ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން ކަށަވަރުކޮށްދީފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިދިޔަ މާޗް މަހުގެ 22 ވަނަ ދުވަހު އެމީހާގެ ގަޔަށް ފުރަތަމަ ޖަހާފައިވަނީ ޗައިނާގެ ސިނޮފާމް ވެކްސިނެވެ. އަދި އޭނާއަށް ދެވަނަ ޑޯޒް ދީފައި ވަނީ އިންޑިއާގެ ކޮވިޝީލްޑް ވެކްސިނުންނެވެ.

އެކަމާއި ގުޅިގެން އެޗްއީއޯސީން ބުނެފައިވަނީ މަސައްކަތްތައް ބައްޓަން ކުރާނީ އެފަދަ ކަމެއް ތަކުރާރު ނުވާނެ ގޮތަށް ސަމާލުކަން ދީގެންކަމަށެވެ.

އެޗްއީއޮސީން ބުނެފައިވަނީ އެ ފަރާތް ވަރަށް ގާތުން މޮނީޓަރ ކުރަމުން އަންނަކަމަށެވެ. އަދި މިހާތަނަށް އެގޮތަށް ދެވައްތަރުގެ ވެކްސިނެއް ޖަހައިގެން ގެއްލުމެއް ލިބިފައިވާކަން އެނގިފައި ނެތްކަމަށްވެސް އެޗްއީއޯސީން މައުލޫމާތުދީފައިވެއެވެ.

ރާއްޖޭގެ ކޮވިޑް ވެކްސިން ޕްރޮގްރާމުގައި ބޭނުންކުރަނީ ތިން ވެކްސިނެކެވެ. އެއީ ކޮވިޝީލްޑް ވެކްސިނާއި ސިނޮފާމް ވެކްސިންގެ އިތުރުން ފައިޒާ ވެކްސިނެވެ.