Last Updated: April 24, 23:11
Wednesday, April 24, 2024
ޚަބަރު ކޮވިޑު ވެކްސިން

އެއްވެސް ރަށެއްގެ އާބާދީގެ 60 އިންސައްތައަށް ވެކްސިންގެ ދެވަނަ ޑޯޒް އަދި ދެވިފައި ނުވޭ: އެޗްއީއޯސީ

ވެކްސިން ޖެހުން ކުރިއަށްދަނީ - ފޮޓޯ: ރައީސް އޮފީސް

އެއްވެސް ރަށެއްގެ އާބާދީގެ 60 އިންސައްތައަށް ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް އަދި ދެވިފައި ނުވާކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން ހާމަކޮށްފިއެވެ.

އެޗްއީއޯސީން މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވެކްސިން ކްލަސްޓާގެ ފަރާތުން މައުލޫމާތު ދެއްވަމުން ފާތިމަތް އަނާ ވިދާޅުވީ 280،000 އަށްވުރެއް ގިނަ މީހުނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ދެވިފައިވާކަމަށެވެ. އަދި 60،000 އަށްވުރެއް ގިނަ މީހުންނަށް ވެކްސިންގެ ދެވަނަ ޑޯޒް ދެވިފައިވާކަމަށެވެ.

އެޗްއީއޯސީން ބުނެފައިވަނީ އާބާދީގެ 60 އިންސައްތަ އަށް ވެކްސިންގެ ފުރަތަމަ ޑޯޒް ދެވިފައިވަނީ 120 ރަށެއްގައި ކަމަށެވެ. އަދި އެއްވެސް ރަށެއްގެ އާބާދީގެ 60 އިންސައްތައަށް ވެކްސިންގެ ދެވަނަ ޑޯޒް ދެވިފައި ނުވާކަމަށް މައުލޫމާތު ދިފައިވެއެވެ.

އެޗްއީއޯސީން ހަމަޖައްސާފައިވާ ގޮތުން ރަށެއްގެ އާބާދީގެ 60 އިންސައްތަ މީހުން ވެކްސިންގެ ދެ ޑޯޒް ހަމަކޮށްފައިވާނަމަ އެރަށަކަށް ކަރަންޓީން ވުމަކާ ނުލާ ދަތުރުކުރެވޭނެއެވެ. އެހެންނަމަވެސް އާބާދީގެ 60 އިންސައްތަ މީހުނަށް ވެކްސިންގެ ދެ ޑޯޒް ދެވިފައި ނުވާނަމަ، ކަރަންޓީނާއި ނުލާ ދަތުރުކުރެވޭނީ ވެކްސިންގެ ދެ ޑޯޒް ޖަހާފައިވާ ފަރާތްތަކަށް ދެ ހަފްތާ ވުމަށް ފަހުކަމަށެވެ. އަދި މިގޮތަށް ދަތުރު ކުރާއިރު ކޮވިޑް ކޭސްތަކުގެ ރޭޓް 5 އިންސައްތައަށް ވުރެއް މަތި ރަށަކުން ދަތުރުކުރާނަމަ ދަތުރު ކުރެވޭނީ ނެގެޓިވް ޕީސީއާރް ޓެސްޓަކާއި އެކު ކަމަށްވެސް މައުލޫމާތު ދީފައިވެއެވެ.