ދެ އަންހެނަކަށް ހަމަލާދިން މައްސަލައިގައި މެންޗެސްޓަރ ޔުނައިޓެޑްގެ ލެޖެންޑް އަދި ވޭލްސްގެ ގައުމީ ޓީމުގެ ކޯޗު ރަޔަން ގިގްސްގެ މައްޗަށް ދައުވާކޮށްފިއެވެ.
ގިގްސް ހަމަލާދިން ކަމަށް ތުހުމަތު ކުރެވިފައިވަނީ އުމުރުން 20 އަދި 30 އަހަރުގެ އަންހެނަކަށެވެ. މި ހާދިސާ ހިނގާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގައި ކަމަށްވާއިރު، އެ މައްސަލައިގައި އޭނާ ހައްޔަރުކުރުމަށްފަހު ފަހުން ވަނީ ކަފާލާތުގެ ދަށުން ދޫކޮށްލާފައެވެ.
އެ މައްސަލައިގައި ގިގްސް އަށް ދައުވާކޮށްފައިވާއިރު އޭނާ ވަނީ އެ ދައުވާ އަށް އިއުތިރާފް ނުވާނެ ކަމަށާއި ނަން ސާފުކުރުމަށް ކޯޓު މަރުހަލާގެ ތެރެއިން މަސައްކަތް ކުރާނެ ކަމަށް ބުނެފައެވެ.
ގިގްސް އަށް ދައުވާކުރުމުން ކުރިއަށް އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވޭލްސް އަށް ކޯޗުކަން ކޮށްދެނީ އެސިސްޓެންޓް މެނޭޖަރު ރޮބަޓް ޕޭޖްއެވެ.