އެމްޑީޕީގެ އެތެރޭގެ އިންތިހާބު ކުރިއަށްދާނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެންގުންތަކާއި އެއްގޮތަށް ވާގޮތުގެ މަތިން ކަމަށް އެޕާޓީން ބުނެފިއެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބާއި ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން އެމްޑީޕީގެ ސްޕޯކްސްޕާސަން އިމްތިޔާޒް ފަހުމީ ވިދާޅުވީ، ކޮވިޑްގެ މިހާލަތުގައި އެޗްޕީއޭގެ އެންގުންތަކާއި އެއްގޮތަށް ކައުންސިލް އިންތިހާބުވެސް ބާއްވާފައިވާ ކަމަށެވެ. އެހެންކަމުން އެމްޑީޕީގެ އެތެރޭގެ އިންތިހާބުވެސް ބޭއްވޭނެ ކަމަށާއި، އަދި ބާއްވާނީ އެޗްޕީއޭގެ މިންގަނޑުތަކާއި އުސޫލުތަކާއި އެއްގޮތަށް ކަމަށްވެސް ވިދާޅުވިއެވެ.
އިންތި ވިދާޅުވީ މި އިންތިހާބުގައި އެމްޑީޕީގެ 455 މަގާމަށް މީހުން އިންތިހާބު ކުރުމަށް ހުޅުވާލެވޭނެކަމަށެވެ. އަދި އެތެރޭގެ އިންތިހާބަކަށް ބަލާއިރު މިހާގިނަ އަދަދެއްގެ ފަރާތްތައް ހޮވާ އެހެން ޕާޓީއެއް ނެތްކަމަށްވެސް ވިދާޅުވިއެވެ.
މި އިންތިހާބުގައި ވޯޓު ލުމުގެ ހައްޤު ލިބިގެންވަނީ އެމްޑީޕީގެ ދަފްތަރުގައިވާ 93،354 ފަރާތަށެވެ.
މޭ 29 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބުގެ ވޯޓު ލާނީ ހެނދުނު 09:00 އިން ހަވީރު 05:00 އާއި ހަމަޔަށް ކަމަށް އިންތި ވިދާޅުވިއެވެ.
އިންތި ވިދާޅުވީ ވާދަކުރަން ބޭނުންވާ ކެނޑިޑޭޓުންނަށް ދެގޮތަކަށް ފޯމު ހުށަހެޅޭނެކަމަށެވެ. އެއްގޮތަކީ ޕާޓީގެ އޮފީހަށް ފޯމު ގެނައުން ކަމަށާއ، އަދި އޮންލައިންކޮށްވެސް ފޯމު ހުށަހެޅޭނެކަމަށެވެ. އަދި ތާއީދުކުރާ ފަރާތްތަކުގެ މައުލޫމާޓު އެކްސެލް ޝީޓެއްގައި ހުށަހެޅުމަށްވެސް ވަނީ އެދިފައެވެ. ދާއިރާގެ ރައީސަށް ކުރިމަތިލާ ފަރާތަކުން ތާއީދުގެ ގޮތުގައި 50 ސޮއި ހުށަހަޅަން ޖެހޭނެ ކަމަށާއި،އ ަދި ޕްރޮވިންސް އަދި ސިޓީ ރައީސުން 200 ސޮއި ހުށަހަޅަންޖެހޭނެ ކަމަށް އިންތި ވިދާޅުވިއެވެ.
އިންތި ވިދާޅުވީ މި އިންތިހާބުގައި ވޯޓު ލާނީ ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި އެކަނި ކަމަށާއި، ބޭރު ގައުމެއްގައި، ރިސޯޓްތަކުގައި އަދި ސިނާއީ ރަށްތަކުގައި ވޯޓު ފޮށި ނުބަހައްޓާނެ ކަމަށެވެ. އަދި އެމީހަކު ރަޖިސްޓްރީ ކޮށްފައިވާ ތަނަކަށް ވޯޓު ލެވޭނެ ކަމަށާއި، އިންތިހާބުގައި ވޯޓު ލެވޭނީ އެމްޑީޕީގެ ދަފްތަރަށް ކަމަށެވެ.
އިންތިހާބުތަކަށް ވާދަކުރުމުގެ ފުރުސަތު މިއަދު ހުޅުވާލާނެކަން ފާހަގަކޮށް އިންތި ވިދާޅުވީ، ވޯޓާޒް ލިސްޓްވެސް މިއަދު އާންމު ކުރާނެ ކަމަށެވެ. އަދި ވޯޓާޒް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލާއިރު 28 އޭޕްރިލްގައި ވޯޓާޒް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ބަންދުވާނެ ކަމަށްވެސް ވިދާޅުވިއެެވެ.
އިންތިހާބުގެ ފައިނަލް ވޯޓާޒް ލިސްޓު 5 މޭގައި އިއުލާނު ކުރެވޭނެ ކަމަށާއި، އަދި 8 މޭގައި އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހަމަވާނެ ކަމަށްވެސް ވިދާޅުވިއެވެ.