Last Updated: June 30, 14:08
Tuesday, June 30, 2026
ޚަބަރު

މަގު ބަންދު ކުރުމަށް އެންމެ ރަނގަޅު ގަޑި ބެލުމަށް ހިޔާލު ހޯދަނީ

ޑރ.މުހައްމަދު މުއިއްޒު - ފޮޓޯ: ޕީޕީއެމް

ކޮންސްޓްރަކްޝަން މަސައްކަތަށް މާލޭގެ މަގުތައް ބަންދުކުރުމަށް އެންމެ ރަނގަޅު ގަޑި ބެލުމަށް މާލެސިޓީ އިންތިހާބީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ސޯޝަލް މީޑިއާގައި އާންމުންގެ ހިޔާލު ހޯދުމަށް ހުޅުވާލައިފިއެވެ.

ޑރ. މުއިއްޒު ޓްވިޓާގައި އާންމުކުރެއްވި ޕޯލެއްގައި ވިދާޅުވެފައިވަނީ ކޮންސްޓްރަކްޝަން މަސައްކަތަށް މަގު ބަންދުކުރުމުގައި އާންމުނަށް އުނދަގޫވުން އެންމެ ކުޑަ ވަގުތެއް ހިޔާރުކުރުން މުހިންމު ކަމަށެވެ.

އަދި ޑރ. މުއިއްޒުގެ ޓްވީޓްގައި ވަނީ އާންމުންގެ ހިޔާލުހޯދުމަށް ވަގުތުތަކެއް ވެސް ހިމަނާފައިވެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހައުސިން މިނިސްޓަރުކަން ކުރެއްވި ޑރ. މުއިއްޒު މާލެސިޓީ މޭޔަރުކަމަށް އިންތިހާބުވީ އެމްޑީޕީގެ ކެނޑިޑޭޓު އަނަސް އަބްދުއްސައްތާރު އަދި އަމިއްލަ ކެނޑިޑޭޓު އަލްހާން ފަހުމީއާއި ވާދަކޮށެވެ.

ޑރ. މުއިއްޒު އިންތިހާބުގައި މާލެސިޓި މޭޔަރުކަން ކާމިޔާބު ކުރެއްވިއިރު، ޕީޕީއެމުން ވަނީ މާލެސިޓީ ކައުންސިލްގެ މެޖޯރިޓީ ހޯދާފައެވެ. މިއީ މާލެސިޓީ ކައުންސިލް އެމްޑީޕީއަށް ގެއްލުނު ފުރަތަމަ ފަހަރެވެ.