Last Updated: June 30, 14:08
Tuesday, June 30, 2026
ޚަބަރު

ރާއްޖޭން ފުރަތަމަ ފަހަރަށް ޖައްވަށް ފޮނުވާ ސެޓެލައިޓްގެ މަސައްކަތް ފަށަން ތައްޔާރު ވެއްޖެ

އައިޖީއެސް ގެ ޗެއާމަން އަދި ސީއީއޯ ރިފްއަތު މުހައްމަދު--

ރާއްޖޭން ފުރަތަމަ ފަހަރަށް ޖައްވަށް ފޮނުވާ ސެޓެލައިޓްގެ މަސައްކަތް ފަށަން ތައްޔާރު ވެއްޖެ އެވެ.

މިކަމާއި ގުޅޭގޮތުން އިންސްޓިޓިއުޓް ފޯ ގްލޯބަލް ސަކްސެސް (އައިޖީއެސް) ބުނެފައިވަނީ އުފައްދަން މަަސައްކަތްކުރަނީ ދުނިޔެހޫނުވުމާއި މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ސައިންޓިފިކް ދިރާސާކުރުމަށް ބޭނުންކުރާނެ ސެޓެލައިޓެއް ކަމަށެވެ.

އައިޖީއެސްގެ ޗެއާމަން އަދި ސީއީއޯ ރިފްއަތު މުހައްމަދު ވިދާޅުވީ މި މިޝަންއަށް ބޭނުންވާ މާލީ އެހީ ހަމަޖެހިފައިވާކަމަށާއި، އަމަލީ މަސައްކަތް ފެށުމަށް މިހާރު ތައްޔާރުވެފައިވާ ކަމަށެވެ. އަދި މިޝަނުގައި ބައިވެރިވާން ބޭނުންވާ ޒުވާނުންނަށް ވަރަށް އަވަހަށް އެ ފުރުސަތު ހުޅުވާލާނެކަމަށެވެ.

ސެޓެލައިޓް އުފައްދާނީ ވެސް އަދި މުޅި މިޝަން ލީޑް ކުރާނީ ވެސް ދިވެހި ޒުވާނުން ކަމަށާއި އެކަމަށް ބޭނުންވާ ތަމްރީނު ފޯރުކޮށްދޭނެކަމަށް ރިފްއަތު ވިދާޅުވިއެވެ.

ރާއްޖޭގެ ފުރަތަމަ ސްޕޭސް މިޝަން ކުރިއަށް ގެންދަނީ އެމެރިކާގެ ކޭއެސްއެފް ސްޕޭސް ފައުންޑޭޝަނުގެ ފަންނީ އެހީތެރިކަމާއެކީއެވެ.