Last Updated: June 30, 14:08
Tuesday, June 30, 2026
ޚަބަރު

ރައީސް ނަޝީދުގެ ބޮލުގައި އެޅުވުމަށްފަހު ރައީސް ސޯލިހް އަންނަނީ ފިލްމު ކުޅެމުން: ސައީދު

މެމްބަރު މުހައްމަދު ސައީދު-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައީސް މުހައްމަދު ނަޝީދުގެ ބޮލުގައި އެޅުވުމަށްފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފިލްމު ކުޅެމުން އަންނަކަމަށް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ)، (ރ)، އަދި (ބ) ގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި ހަމަތަކުން އިސްތިސްނާކުރުމަށް ދީފައިވާ ހުއްދައިގެ މުއްދަތު އިތުރުކުރުމާގުޅޭ މައްސަލަ ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް މަޖިލީހުގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ ގަވަރުނަރު އަލީ ހާޝިމްގެ ކަންބޮޑުވުން މިކަމުގައި އޮތް މިންވަރު ކޮމިޓީގެ ޔައުމިއްޔާ ބެލުމުން އެނގެން އޮންނާނެ ކަމަށެވެ.

އެގޮތުން ސައީދު ވިދާޅުވީ ފައިސާ ދޫކުރުމުގެ ހުއްދަ މިދިޔަ އަހަރު ދިން އިރު މިފައިސާ އަނބުރާ ދައްކާނެ ގޮތުގެ ޕްލޭނެއް ސަރުކާރުން ދިފައިނުވާތީއާއި، އަދި ފައިސާ ހަރަދު ކުރާނެ ގޮތުގެ ޕްލޭނެއްވެސް ދީފައި ނުވާތީ އެކަމުގައި ގަވަރުނަރު ކަންބޮޑުވުން ފާޅުކުރެއްވި ކަމަށެވެ.

ސަައީދު ވިދާޅުވީ މިދިޔަ އަހަރު ޗާޕު ކުރި ފައިސާއަށް ވީގޮތާއި މެދު ރައްޔިތުން މިހާރު ސުވާލު ކުރާކަމަށާއި އެފައިސާއިން ރައްޔިތަކަށް ވީމޮޅެއް ނެތްކަމަށެވެ. އަދި ފައިސާ ޗާޕު ކުރުމުން ދެން އިވެނީ އެކި ފަރާތްތަކަށް ބޮޑެތި އަދަދުތަކުން ބަދަލުދޭ ތަންކަމަށް ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ ފައިސާ ޗާޕުކުރުމުގެ ފުރުސަތު ދިނުމުން ޑޮލަރާއި ރުފިޔާގެ އެކްސްޗޭންޖް ރޭޓަށް އައި ބަދަލު ފެންނާނެކަމަށާއި، އެކަމުގެ ސަބަބުން ރަސްމީ ސިފައއެއްގައި ހުޅުވިގެން ދިޔައީ ކަޅުބާޒާރެއް ކަމަށެވެ. އަދި އެކަން ހައްލު ކުރުމަށް މަޖިލީހަށްވެސް ކުރެވުނު ކަމެއް ނެތްކަމަށް ސައީދު ވިދާޅުވިއެވެ.

މީގެ އިތުރުން ސައީދު ވިދާޅުވީ ރައީސް މުހައްމަދު ނަޝީދުގެ ބޮލުގައި އެޅުވުމަށްފަހު ރައީސް ސޯލިހް ފިލްމު ކުޅެމުން އަންނަކަމަށެވެ. އަދި ރައީސް ސޯލިހް އަނިޔާވެރިވެފައިވާ ކަމަށާއި، ރައްޔިތުންނަށްވެސް އަނިޔާވެރިވެފައިވާ ކަމަށް ސައީދު ވިދާޅުވިއެވެ.