ހަރަދުތައް ފޫބެއްދުމަށް ދައުލަތުގެ ހަރަދަށް ޒިންމާވާ ގާނޫނުގެ ބައެއް މާއްދާތަކަށް އަމަލުނުކުރާގޮތަށް އޮތް އޮތުން އިތުރު އަހަރު ދުވަހަށް އިތުރުކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ)، (ރ)، އަދި (ބ) ގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި ހަމަތަކުން އިސްތިސްނާކުރުމަށް ދީފައިވާ ހުއްދައިގެ މުއްދަތު އިތުރުކުރުމާގުޅޭ މައްސަލަ ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް ވޯޓަށް އެހުމުން އެ ރިޕޯޓް ފާސްކޮށްފައިވަނީ 47 މެމްބަރުންގެ ވޯޓުންނެވެ. އަދި ނުފެންނަ ކަމަށް 4 މެމްބަރުން ވޯޓު ދެއްވާފައިވެއެވެ.
އޯވާޑްރާފްޓްގެ މުއްދަތު އިތުރުކޮށްދިނުމަށް ހުށަހެޅި މައްސަލައިގައި ކޮމިޓީން ނިންމާފައިވަނީ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ 32 ވަނަ މާއްދާގެ އަކުރުތަކަށް އަމަލުކުރުމަށް ދެވިފައިވާ އެއް އަހަރުގެ އިސްތިސްނާ އިތުރު އަހަރަށް އިތުރުކޮށްދިނުމަށެވެ. އަދި ޕަބްލިކް ބޭންކް އެކައުންޓުން އޯވަރޑްރޯކުރެވޭ ލިމިޓް 4.4 ބިލިއަން ރުފިޔާއަށްވުރެއް އިތުރު ނުވާނެހެން، އެއް އަހަރު ދުވަހަށް އިސްތިސްނާގެ މުއްދަތު އިތުރުކޮށްދިނުމަށް ނިންމުމަށެވެ.
މި މައްސަލަ މަޖިލީހަށް ހުށަހައްޅުވަމުން ފޮނުއްވި ސިޓީގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެފައިވަނީ، ކޯވިޑްގެ ބަލިމަޑުކަމާއި ގުޅިގެން އިއުލާންކޮށްފައިވާ ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު މިހާތަނަށްވެސް އުވާލައިފައި ނުވާތީ، ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނުގެ 36 ވަނަ މާއްދާގެ ދަށުން ލިބިދޭ އިސްތިސްނާ ހާލަތުން އަދި އަރައިގަނެވިފައިނުވާކަމަށެވެ. މިގޮތުން ޕެންޑެމިކް ޙާލަތުގައި ދެމިއޮތުމުގެ ސަބަބުން އެ މާއްދާގައި ބަޔާންކުރާ ޤުދުރަތީ ކާރިސާ އެއް އޮތްކަމަށެވެ. އަދި ވޭތުވެދިޔަ 4 ކުއާޓަރުގައި ރާއްޖޭގެ އުފެއްދުންތެރިކަން ދަށްވެފައިވުމާއި އަންއެމްޕްލޯއިމަންޓް ރޭޓް މަތީގައި ހުރުމާއި ބޭރު ފައިސާގެ އާމްދަނީ ދަށްވެފައިވުމާއެކު ރާއްޖޭގެ ބެލެންސް އޮފް ޕޭމަންޓްސްއަށް ލޮޅުން އައިސްފައިވުމާއެކު، އެ އިޤްތިސާދީ ބޮޑު ހީނަރުކަމެއް ދިމާވެފައިވާކަމަށެވެ.