ރާއްޖޭގައި ރޭޕް ކޭސްތަކާއި ޖިންސީ ގޯނާގެ މައްސަލަތައް އިތުރުވަމުންދާތީ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.
މި ގަރާރު ހުށަހަޅާފައިވަނީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރެވެ.
އާދަމް ޝަރީފް ހުށަހަޅާފައިވާ ގަރާރުގައި ބުނެފައިވަނީ، ރާއްޖޭގައި ޖިންސީ ގޯބާ ކުރުމާއި ރޭޕްކުރުމުގެ މައްސަލަތައް ކަންބޮޑުވާ މިންވަރަށް އިތުރުވެ އަންހެނުންގެ ރައްކާތެރިކަމާއި ކަރާމާތަށް އަރައިގަންނަމުންދާއިރު އެކަންކަމަށް އެކަށީގެންވާ ފިޔަވަޅު ނޭޅި އިންސާފު ލިބުން ލަސްވާކަމަށެވެ.
މިފަދަ ބައެއް މައްސަލަތަކުގައި ދައުވާ ނުކުރުމާއި، އެފަދަ މައްސަލަތައް ވަކި ހިސާބަކުން އޮއްބާލުމާއި އެފަދަ އަމަލުތައް ހިންގާ ފަރާތްތަކަށް ފިޔަވަޅު އެޅުން ލަސްވުމުގެ ސަބަބުން، ރޭޕްކުރުމާއި ޖިންސީ ގޯނާގެ އަމަލުތައް ހިންގުން އިތުރުވަމުންދާކަމަށް ގަރާތުގައިވެއެވެ. އަދި މިކަމުގެ ސަބަބުން މުޖުތަމައުގައި ބިރުވެރިކަމާއި ނާމާންކަން އިތުރުވެ، މަގުމައްޗަށް ނިކުންނަން ޖެހިލުންވާ ހިސާބަށް ކަންކަން ގޮސްފައިވާކަމަށްވެސް ގަރާރުގައިވެއެވެ.
ގަރާރުގައި ވަނީ މިފަދަކަންކަމުގެ ޝިކާރައަކަށް ވެފައިވާ ފަރާތްތަކަށް އިންސާފު ހޯދައިދީ، މިފަދަ ކަންކަން ކުރާ ފަރާތްތަކަށް ހައްޤު އަދަބު ދިނުމަށް ސަރުކާރަށް ގޮވާލާކަމަށެވެ.