ރާއްޖެ ވެފައިވަނީ އިންޑިއާ ރައްޔިތުންގެ ކަރަންޓީން މަރުކަޒަކަށް ކަމަށް ޕީއެންސިގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އިދިކޮޅުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ރާއްޖޭގެ ގިނަ ރަށްތަކަކުން ކޮވިޑްގެ ކޭސްތައް ފެންނަމުން އަންނަނީ އިންޑއިާ ރައްޔިތުންގެ ކަރަންޓީން މަރުކަޒަކަށް ރާއްޖެ ހެދުމުން ކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވީ އިންޑީއާގެ ރައްޔިތުން އެހެން ގައުމުތަކަށް މަސައްކަތް ކުރުމަށް ދިޔުމަށް ކަރަންޓީން މަރުކަޒަކަށް ރާއްޖެ ހަދާފައިވާކަމަށާއި، ދިވެހި ރައްޔިތުން ނުރައްކަލެއްގެ ތެރެއަށް މި ވައްޓާލަނީ އެހެންބައެއްގެ ލާބައާއި މަންފާއަަށްޓަކައި ކަމަށެވެ.
އަދި މި ކަމަކީ ނުރައްކާތެރި ކަމެއްކަމަށާއި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަން ކުރަނީ ކޮން ޤައުމެއްގެ ރައްޔިތުންނަށްތޯ ސުވާލު އުފެދޭކަމަށް ވިދާޅުވިއެވެ.
ލ. ގަން އަދި ފޮނަދޫ ވެސް މޮނިޓަރިންގެ ހާލަތުގައި އޮތްއިރު އަބްދުއްރަހީމް ތުހުމަތު ކުރެއްވި ގޮތުގައި އެ ރަށްތައްވެސް މޮނިޓަރިންއަށް ލާންޖެހިފައިވަނީ އެކަމުގެ ސަބަބުންނެވެ.
ރާއްޖޭގެ ރަށްތަކުން މި ދުވަސްވަރު ކޮވިޑްގެ ގިނަ ކޭސްތަކެއް އަންނަނީ ފެންނަމުންނެވެ. އަދި ގިނަ ރަށްތަކެއް މިވަގުތުވެސް އޮތީ ކަރަންޓީންގައެވެ.