1-0 އިން ޓޮޓެންހަމް ބަލިކުރުމަށްފަހު އިނގިރޭސި ލީގް ކަޕް ނުވަތަ ކަރަބާއޯ ކަޕް، ޖެހިޖެހިގެން ހަތަރުވަނަ ފަހަރަށް މެންޗެސްޓާ ސިޓީން ކާމިޔާބު ކޮށްފިއެވެ.
އިނގިރޭސިވިލާތުގެ ވެމްބްލީ ސްޓޭޑިއަމްގައި މިރޭ ކުޅުނު ފައިނަލް މެޗު ޑޮމިނޭޓްކޮށްގެން ސިޓީން ކުޅުނުއިރު ގޯލްޖަހާނެ ރަނގަޅު ފުރުސަތުތަކެއް އެޓީމުން ވަނީ ތަނަވަސްކޮށްފައެވެ. އެގޮތުން މި މެޗުގައި ސިޓީން ކާމިޔާބުކުރި ހަމައެކަނި ގޯލު މެޗުގެ 82 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ޑިފެންޑަރު ލަޕޯޓްއެވެ.
އެގޮތުން ލަޕޯޓް މި ގޯލު ކާމިޔާބުކުރީ ޓޮޓެންހަމްގެ ޕެނަލްޓީއޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައެއް ބޮލުން ކުރިއަށް ފޮނުވާލައިގެންނެވެ.
ގިނަ އަހަރުތަކަކަށްފަހު ތަށްޓެއް ހޯދުމުގެ އުއްމީދާއެކު މި މެޗާއި ކުރިމަތިލި ޓޮޓެންހަމްގެ ފަރާތުން ދަށް ކުޅުމެއް މި މެޗުގައި ފެނިގެންދިޔައިރު އެޓީމަށް ސިޓީގެ ގޯލާ އަމާޒުކޮށް ފޮނުވާލެވުނީ އެންމެ ހަމަލާއެކެވެ.
މިއީ މި މުބާރާތް ސިޓީން ހޯދި 8 ވަނަ ފަހަރެވެ.
ސިޓީ އަށް މި ސީޒަނުގައި އަދި ޕްރިމިއާ ލީގާއި ޗެމްޕިއަންސް ލީގު ހޯދުމުގެ ފުރުސަތު ވެސް އެބައޮތެވެ. އެގޮތުން ޕްރިމިއާ ލީގު ހޯދަން ސިޓީ އަށް މިހާރު ބޭނުންވަނީ އެންމެ ހަ ޕޮއިންޓު ކަމަށްވާއިރު، ޗެމްޕިއަންސް ލީގުގެ ސެމީފައިނަލްގެ ފުރަތަމަ ލެގުގައި އެޓީމު މި ހަފްތާގައި ޕީއެސްޖީއާ ދެކޮޅަށް ނިކުންނާނެއެވެ.