ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނަގައިގެން އެތަނުގެ ތެރެއަށް ސިފައިން ވަތް ކަމަށް ދެކެވޭ ވާހަކަތައް ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ދޮގުކުރައްވައިފިއެވެ.
2018 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން އޭރުގެ ސިޔާސީ ފަރާތްތައް މިނިވަން ކުރުމަށް ނެރުނު އަމުރާއެކު ސަރުކާރުން ވަނީ ކުއްލި ހާލަތު އިއުލާންކުރުމަށްފަހު އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށްފައެވެ. އެ ދެ ބޭފުޅުން ހައްޔަރުކުރި ގޮތާއި މެދު އާންމުންގެ ފާޑުކިޔުން އަމާޒުވިއިރު، އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވީ ސުޕްރީމް ކޯޓުގެ ފުރާޅު މައްޗަށް ސިފައިން އަރައިގެން އުޅޭ ފޮޓޯތައް އާންމުވުމާ ގުޅިގެންނެވެ.
އެ ދުވަހު ހިނގާދިޔަ ކަންކަމުގެ ވާހަކަ އަނެއްކާވެސް ތިލަވެފައިމިވަނީ ހިތަދޫ މެދު ދާއިރާގެ ކުރީގެ މެންބަރު ބްރިގޭޑިއަރ ޖެނެރަލް (ރޓޑ) އިބްރާހީމް މުހައްމަދު ދީދީ އާދަމް ޝަރީފަށް އަމާޒުކޮށް ދެއްކެވި ވާހަކަތަކަކާ ގުޅިގެންނެވެ.
އެގޮތުން ދީދީ ރޭ ކުރެއްވި ޓްވީޓެއްގައި ވަނީ އާދަމް ޝަރީފަކީ ސުޕްރީމް ކޯޓުގެ ފުރާޅު ނަންގަވައިގެން ރާއްޖޭގެ އުއްތަމަ ފަނޑިޔާރު ދަމާ ބޭރު ކުރެއްވި ޑިފެންސް މިނިސްޓަރު ވިދާޅުވެފައެވެ. ދީދީގެ އެ ވާހަކަތަކަށް ރައްދު ދެއްވަމުން އާދަމް ވަނީ ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނެއް ނުނަގާ ކަމަށާއި އަދި ސުޕްރީމް ކޯޓަށް ވަނީ ވެސް ސިފައިންނެއް ނޫން ކަށް ވިދާޅުވެފައެވެ.
FYI, SC ge furaalhun tineh nunagaa! SC ah vanee MNDF eh ves noon. BG akah @ibrahimmdidi ulhuvvi Askariyyaa ge agu vattaalan masakkaiy kuravvanee keevvethoa? MNDF gai @ibrahimmdidi ah heydha kurevvifai vanee amilla nafusaaimedhu suvaalu ufedhunu dhuvas thakehthoa? Salute MNDF!
— Adam Shareef Umar (@Adamshareefz) April 26, 2021
އަދި އެމްއެންޑީއެފްގެ ބްރިގޭޑިއަރ ޖެނެރަލެއްގެ މަގާމު އަދާކުރެއްވުމަށްފަހު އެ މުއައްސަސާގެ އަގުވައްޓާލަން ދީދީ މަސައްކަތް ކުރައްވަނީ ކީއްވެގެންތޯ ވެސް އާދަމް ވަނީ ޝަރީފް ސުވާލުކުރައްވާފައެވެ.
"އެމްއެންޑީއެފްގައި ދީދީ އަށް ހޭދަކުރެއްވިފައިވަނީ އަމިއްލަ ނަފްސާއި މެދު ސުވާލު އުފެދޭ އުފެދުނު ދުވަސްތަކެއްތޯ؟ ސެލިއުޓް އެމްއެންޑީއެފް" އާދަމް ވިދާޅުވިއެވެ.