Last Updated: April 24, 12:56
Wednesday, April 24, 2024
ޚަބަރު

އައްޑޫއަށް ކޮވިޑުގެ ބިރު ބޮޑު، ކޮންޓެކްޓު ޓްރޭސިންއަށް އެއްބާރުލުމެެއް ނުލިބޭ!

ހިތަދޫގައި ހޯމް ކަރަންޓީނު އުސޫލާއި ހިލާފަށަް ބޭރަށް ނިކުމެ އުޅުނު މީހަކު ކޮވިޑު-19 އަށް ޕޮޒިޓިވްވެފައިވާ އިރު އޭނާގެ ފަރާތުން ކޮންޓެކްޓުޔ ޓްރޭސިންއަށް ފުރިހަމަ އެއްބާރުލުމެއް ނުލިބޭކަމަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން ބުނެފިއެވެ.

ހޯމް ކަރަންޓީނު ފުރިހަމަ ކުރުމަށްފަހު ނެގި ސާމްޕަލްގެ ނަތީޖާ ނުލިބެނީސް އެމީހާ ރަށުތެރެއަށް ނިކުމެ ޓީމާއި އެކު ޕްރެކްޓިސް މެޗުތަކެއް ވަނީ ކުޅެފައެވެ. އޭނާ ކޮވިޑަށް ޕޮޒިޓިވްވީކަން އެނގިފައިވަނީ ޕްރެކްޓިސް މެޗުގައި ކުޅެން ހުއްޓާއެވެ. އެހިސާބުން އެކަން ވަނީ ކަމާއި ބެހޭ ފަރާތްތަކަށް ނާންގައި އޮޅުވާލާފައެވެ.

އޭއީއެޗްއިން ބުނީ މިހާތަނަށް އެމީހާ އާއި ކޮންޓެކްޓުވީ ކަމަށް ބުނެ ދެމީހަކު ހޮސްޕިޓަލަށް އައިސް މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި ޕޮޒިޓިވްވީ މީހާގެ ފަރާތުން ކޮންޓެކްޓު ޓްރޭސިންއަށް ފުރިހަމަ އެއްބާރުލުމެއް ނުލިބޭކަމަށެވެ.

"އެމީހާ ބުނަނީ ހުރީ ކަރަންޓީނުގެ ވެގެންކަމަށް، ބަޔަކާއި ކޮންޓެކްޓު ނުވާކަމަށް، ފުރިހަމަ އެއްބާރުލުމެއް ކޮންޓެކްޓު ޓްރޭސިންއަށް ނުލިބޭ" ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އައްޑޫގެ މޭޔަރ އަބްދުﷲ ސޯދިގު (ސޯބެ) ރޭ ވިދާޅުވީ ކޮވިޑަށް ޕޮޒިޓިވްވި ކުޅުންތެރިޔާ ކުޅޭ ޓީމުގެ ކޯޗަކީ ހިތަދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ ފުލުހެއް ކަމަށެވެ. އަދި 3 ދުވަސްވެގެން ދިޔަ އިރު އެކަން ކަމާއި ބެހޭ ފަރާތްތަކަށް ނާންގައި ސިއްރު ކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

"އައްޑޫލައިވް"އަށް އެނގިފައިވާ ގޮތުގައި ކޮވިޑަށް ޕޮޒިޓިވްވީ ކުޅުންތެރިޔާ ކުޅުނު ޓީމުގައި ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން ވެސް ހިމެނެއެވެ. އެ މުވައްޒަފުން ވެސް ވަނީ ކަމާއި ބެހޭ ފަރާތްތަކަށް މައުލޫމާތު ހިއްސާ ނުކޮށް ވަޒީފާތަކަށް ނިކުމެފައެވެ.

"މިއީ ސީރިއަސް މައްސަލައެއް، ކަމާއި ބެހޭ ފަރާތްތަކަށް މި މައުލޫމާތު ހިއްސާ ނުކޮށް ތިބުމަކީ، ކޮންޓެކްޓު ޓްރޭސިން ހެދޭނީ ތެދު މައުލޫމާތު ލިބިގެން" ސޯބެ ވިދާޅުވިއެވެ.

ސޯބެ ވިދާޅުވީ މިހާރު ކަންތަށް ގޮސްފައިވާ ގޮތުން ކޮވިޑުގެ ބިރު މިހާރު އައްޑޫއަށް އެބައޮތް ކަމަށެވެ. އަދި ބަލި އޮތީ ކިހާ ހިސާބެއްގައިކަން ބުނަން ނޭގޭ ކަމަށެވެ.

ކޮވިޑުގެ ނުރައްކާ އަތޮޅުތަކަށް މިހާރު ވަނީ ވަރަށް ބޮޑުވެފައެވެ. ބ. އޭދަފުއްޓާއި، ލ. އަތޮޅު ފަދަ އާބާދީތަކުގައި ކޮވިޑު ހަލުވި ކަމާއި އެކު ދަނީ ފެތުރެމުންނެވެ. އަދި މުޅި ރާއްޖޭގައިވެސް އެއް ދުވަހުން އަނެއް ދުވަހަށް ކޮވިޑަށް ޕޮޒިޓިވްވާ މީހުން ދަނީ އިތުރުވަމުންނެވެ.