Last Updated: June 29, 21:20
Monday, June 29, 2026
ޚަބަރު

އަދީބު ގޭގައި ހުންނަ ސަބަބާއިމެދު ދިޔާނާ ސުވާލު އުފައްދަވައިފި

ކުރީގެ ބަންޑާރަނައިބް ދިޔާނާ ސައީދު - ފޮޓޯ: ވީނިއުސް

އެމްއެމްޕީއާރްސީގެ ހިޔާނާތަށް އިއުތިރާފްވެ ޖަލަށް ހުކުމް ކުރި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ގޭގައި ހުރި ސަބަބާއި މެދު ކުރީގެ ބަންޑާރަނައިބު ދިޔާނާ ސައީދު ސުވާލު އުފައްދަވައިފިއެވެ.

ދިޔާނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އިއްޔެ މަޖިލީހުގައި ރައީސް މުހައްމަދު ނަޝީދު އެމްއެމްޕީއާރްސީގެ ކަޅު ފައިސާ ލިބުނު މީހުންގެ މައްސަލަ ބައްލަވާނެ ކަމަށް ވިދާޅުވެފައިވާކަން ފާހަގަކުރައްވާފައެވެ.

އަދި އަދީބު ގޭގައި ހުރުމުން އެކަމާމެދު ސުވާލު އުފައްދަވާ ދިޔާނާ ވަނީ އެކަމަށްވެސް ފާޑުވިދާޅުވެފައެވެ.

"ފުރަތަމަ ކަމަކަށް ވިދާޅުވެ ދެއްވަބައްލަވާ، އެ ހިޔާނާތުގެ އެއް މޭސްތިރި އަދީބު ޖަލުގެ ބަދަލުގައި ހުޅުމާލެ ޕެންޓްހައުސް އަކަށް ހުކުމް ކޮށްގެން އުޅެނީ ކީއްވެތޯ؟" ދިޔާނާގެ ޓްވީޓްގައިވެއެވެ.

އިއްޔެ ބޭއްވި މަޖިލީހުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ އެމްއެމްޕިއާރްސީގެ މައްސަލަ ބައްލަވާނެ ކަމަށާއި، އަދި އެކަމުގައި ބައެއް މެމްބަރުންގެ ގޮނޑިކޮޅު ގެއްލުންވެސް އެކަށީގެންވާ ކަމަށާއި، އަދި ބައެއް ބޭބޭފުޅުންގެ މަގާމުވެސް ގެއްލިދާނެ ކަމަށެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި އަދީބު އިއުތިރާފްވުމުން އޭނާގެ މައްޗަށް ވަނީ 20 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.