Last Updated: June 29, 21:20
Monday, June 29, 2026
ޚަބަރު

އެމްއެމްޕީއާރްސީ ވާހަކައަކީ ރޯދަ ކުރުކުރަން ދައްކާ ވާހަކައެއް ކަމަށް ބެލެވޭ: ފައިރޫޝް

އެމް.އެމް.ޕީ.އާރު.ސީ ގެ ވާހަކައަކީ ރޯދަ ކުރު ކުރުމަށް ދައްކާ ވާހަކައެއް ކަމަށް ބެލެވޭ ކަމަށް ކުރީގެ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޑރ. އަބްދުﷲ ފައިރޫޝް ވިދާޅުވެއްޖެއެވެ.

ފައިރޫޝް ކުރެއްވި ޓްވީޓެއްގައި މިފަދައިން ވިދާޅުވެފައިވަނީ އިއްޔެ ބޭއްވި މަޖިލީހުގެ ޖަލްސާގައި އެމްއެމްޕީއާރްސީގެ މައްސަލަ ބައްލަވާނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނިކޮށެވެ.

ރައީސް ނަޝީދު އިއްޔެ މަޖިލީހުގައި ވިދާޅުވެފައިވަނީ އެމްއެމްޕިއާރްސީގެ މައްސަލަ ބައްލަވާނެ ކަމަށާއި، އަދި އެކަމުގައި ބައެއް މެމްބަރުންގެ ގޮނޑިކޮޅު ގެއްލުންވެސް އެކަށީގެންވާ ކަމަށާއި، އަދި ބައެއް ބޭބޭފުޅުންގެ މަގާމުވެސް ގެއްލިދާނެ ކަމަށެވެ.

ފުލުހުންގެ އާ ޤަނޫނާއި އެކު ފައިރޫޝް ފުލުހުންގެ ވަޒީފާއިން ރިޓަޔާވިއިރު، އެކަމުގައި ރައީސް ނަޝީދު ހިތްހަމަޖެހިވަޑައިނުގެން ފައިރޫޝް އިސްތިއުފާދެއްވި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމެޓީއަށް ހުށަހެޅުއްވިއެވެ. ނަޝީދު ވިދާޅުވީ ގަނޫނު ތަސްދީގު ކޮށް ޢަމަލުކުރަން ނުފަށަނީސް އިސްތިއުފާ ނުދެއްވޭނެކަމަށެވެ.

ފައިރޫޝްގެ މައްސަލަ މަޖްލިސްގެ 241 ކޮމެޓީއަށް ހުށަހެޅުއްވި އިރު ރައީސް ނަޝީދުގެ ވެރިކަން 2012 ވަނަ އަހަރު ފެބްރުއަރީ 7 ވަނަ ދުވަހު ވެއްޓުނު އިރު ފުލުހުންގެ ތެރޭގައި ސަރުކާރާއި ދެކޮޅަށް މަސައްކަތް ކުރެއްވި އިސް މީހެއްގެ ގޮތުގައި ފައިރޫޝް ހަރަކާތްތެރިވިކަމަށް ރައީސް ނަޝީދާއި އެމަނިކުފާންގެ ސަޕޯޓަރުން ދަނީ ބުނަމުންނެވެ.

އެހެންނަމަވެސް އެކަމަށް ފައިރޫޝް ނުހަނު ފަހުން ރައްދުވެސް ދެއްވާފައިވެއެވެ. އެގޮތުން ފައިރޫޝް ވިދާޅުވެފައިވަނީ 2012 ވަނަ އަހަރުގެ ފެބްރުއަރީ ހަތްވަނަ ދުވަހު އޭރުގެ ރައީސް ނަޝީދު އިސްތިއުފާ ދެއްވަން ނިންމެވި ނިންމެވުމަކީ އެމަނިކުފާނުގެ އަމިއްލަފުޅު ނިންމެވުމެއް ކަމަށެވެ. އަދި އެ ނިންމެވުން ނަޝީދު ނިންމެވީ ލޭއޮހޮރުވުމަކަށް ދިޔުމުގެ ތުންފަތް މައްޗަށް ގައުމު ގެންދިޔުމަށްފަހު ކަމަށްވެސް ފައިރޫޝް ވިދާޅުވިއެވެ.