Last Updated: June 29, 21:20
Monday, June 29, 2026
ޚަބަރު

މަންދު ކޮލެޖަށް ބަދަލު ދިނުން: އޮޑިޓް އޮފީހުން ލަފާ ކުރީ 1.5 މިލިއަންގެ ބަދަލެއް ދިނުމަށް!

މަންދު ކޮލެޖުގެ ޗެއާމަން އިބްރާހިމް އިސްމާއިލް (އިބްރާ) - ފޮޓޯ: މިހާރު

އެމްއީއެސް ހިންގި ބިމާއި އިމާރާތުގައި އިންޓަރނޭޝަނަލް ސްކޫލެއް ހިންގުމަށް ހެދި އެއްބަސްވުން އުވާލެއްވުމާ ގުޅިގެން، މާލެ ހައި ޕްރައިވެޓް ލިމިޓެޑްއިން ގެއްލުމުގެ ބަދަލެއް ހޯދުމަށް ހުށަހަާޅފައިވާ ކަންކަމުގައި ގެއްލުމުގެ ބަދަލުގެ ގޮތުގައި އެންމެ ގިނަ ވަގެންވެސް ދޭންޖެހޭނީ 1،581،475 ރުފިޔާ ކަމަށް އޮޑިޓަރ ޖެނެރަލް ތައްޔާރުކޮށްފައިވާ އެސެސްމަންޓް ރިޕޯޓަކުން ދައްކައިފިއެވެ.

"އެމްއީއެސް ހިންގި އިމާރާތުގައި އިންޓަނޭޝަނަލް ސްކޫލެއް ހިނގުމަށް ހެދި އެއްބަސްވުން މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އުވާލުމުން ހޯދުމަށް ހުށަހަޅާފައިވާ ގެއްލުމުގެ ބަދަލާ ގުޅޭ އުސެސްމަންޓް ރިޕޯޓް" އޮޑިޓަރ ޖެނެރަލްގެ އޮފީހުން ތައްޔާރުކޮށްފައިވަނީ 20 ސެޕްޓެމްބަރު 2020 ގައެވެ. މި އެސެސްމަންޓް ރިޕޯޓްގެ ކޮޕީއެއް "އައްޑޫލައިވް"އަށްވެސް ވަނީ ލިބިފައެވެ.

މި އެސެސްމެންޓް ރިޕޯޓް އޮޑިޓަރ ޖެނެރަލް ހައްދަވާފައިވަނީ މާލެ ހައި ޕްރައިވެޓް ލިމިޓެޑަށް ދޭންޖެހިދާނެ ގެއްލުމުގެ ބަދަލެއް ކަނޑައަޅައި ދިނުމަށް އެޑިއުކޭޝަން މިނިސްޓްރީގެ ސިޓީއަކުން އެދިވަޑައިތުމާއި ގުޅިގެންނެވެ.

އެގޮތުން އެޑިޓަރ ޖެނެރަލް ތައްޔާރުކޮށްފައިވާ އެސެސްމެންޓް ރިޕޯޓްގައި ބުނެފައިވަނީ އެމްއީއެސް ހިންގި ބިމާއި އިމާރާތުގައި އިންޓަރނޭޝަނަލް ސްކޫލެއް ހިިންގުމަށް ހެދި އެއްބަސްވުން އުވާލެއްވުމާ ގުޅިގެން، މާލެ ހައި ޕްރައިވެޓް ލިމިޓެޑްއިން ގެއްލުމުގެ ބަދަލު ހޯދުމަށް ހުށަހަޅާފައިވާ ކަންކަމަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި އެންމެ ގިނަ ވެގެން ދޭންޖެހޭނީ 1،279،621 ރުފިޔާއާއި 1،581،475 ރުފިޔާއާއި ދެމެދުގެ މާލީ ބަދަލެއްކަމަށް ބެލެވޭކަމަށެވެ.

ސެޕްޓެމްބަރު 20، 2020 ގައި ތައްޔާރުކޮށްފައިވާ އެސެސްމެންޓް ރިޕޯޓްގެ ނިންމުމުގައި އޮޑިޓާރ ޖެނެރަލް ވިދާޅުވެފައިވަނީ އެމްއީއެސްގެ ޢިމާރާތުގެ މަރާމާތަށާއި މާލޭ ހައި ޕްރައިވެޓް ލިމިޓެޑް އިން ގެއްލުމުގެ ބަދަލުގެ ގޮތުގައި ހޯދުމަށް މީގެ ކުރިންވެސް ކޮށްފައިވާ ދަޢުވާތަކާ ގުޅިގެން އެ ކުންފުންޏަށް މިހާތަނަށް މިނިސްޓްރީ އޮފް އެޑިއުކޭޝަން އިން 4,697,308 ރުފިޔާ ދީފައިވާކަން ފާހަގަކުރެވޭއިރު، އެމްއީއެސްގެ ޢިމާރާތުގެ އެއްބަސްވުން މިނިސްޓްރީ އޮފް އެޑިއުކޭޝަން އިން އުވާލާފައިވަނީ އެ އެއްބަސްވުމާ ޚިލާފަށްކަން ކަނޑައެޅިއްޖެ ޙާލަތެއްގައިވެސް އެ ކުންފުންޏަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި އިތުރަށް އެންމެ ގިނަވެގެންވެސް ދޭންޖެހޭނީ 1,279,621 (އެއް މިލިއަން ދުއިސައްތަ ހަތްދިހަ ނުވަ ހާސް ހަ ސަތޭކަ އެކާވީސް) ރުފިޔާއާއި 1,581,475 (އެއް މިލިއަން ފަސް ލައްކަ އަށްޑިހަ އެއް ހާސް ހަތަރު ސަތޭކަ ހަތްދިހަ ފަހެއް) ރުފިޔާއާ ދެމެދުގެ ޢަދަދެއްގެ މާލީ ބަދަލެއްކަން ފާހަގަކުރެވެއެވެ.

އެމްއީއެސް ކުރިން ހިންގި އިމާރާތް މަންދު ކޮލެޖަށް ދޫކުރި އެއްބަސްވުުން ބާތިލްކޮށް، ސަރުކާރުން އެތަން އަތުލި މައްސަލާގައި ގެއްލުމުގެ ބަދަލަށް 15 މިލިއަން ރުފިޔާ ދައްކަން ދައުލަތުގެ މައްޗަށް ސިވިލް ކޯޓުންވަނީ މި ފަހުން ހުކުމް ކޮށްފައެވެ. ސިވިލް ކޯޓުން މިގޮތަށް ހުކުމް ކުރީ އެއްބަސްވުން ބާތިލުކުރީ ގޮތުން ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށް އަދި ބަދަލު ހޯދުމަށް ވަކިން ދައުވާ ކުރެވޭނެކަމަށް ހުކުމް ކުރުމުން، ގެއްލުމުގެ ބަދަލުގެ ގޮތުގައި 18 މިލިއަން ހޯދުމަށް މާލެ ހައި ޕްރައިވެޓް ލިމިޓެޑުން ދައުވާ ކުރުމުންނެވެ. އެ މައްސަލައިގައި ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާގައި ދައުލަތުން ވަނީ އޭގެ ތެރެއިން 15 މިލިއަން ރުފިޔާ ދޭން އެއްބަސްވެފަ އެވެ. އަދި އެއީ މަންދު ކޮލެޖް އެ އިމާރާތުން ބޭރުކޮށްލުމުން އެހެން ތަނެއް ހޯދަން މިހާތަނަށް ކުރި ޚަރަދުތައްކަން ފާހަގަކޮށްފައިވެއެވެ.