Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

ދުނިޔޭގެ އެކި ކަންކޮޅުތަކުން އިންޑިއާއަށް އެހީތެރިވަނީ

ކޮރޯނާ ވައިރަހުގެ ސަބަބުން މި ވަގުތު އެންމެ ބޮޑަށް ހާލުގައި ޖެހިފައިވާ އިންޑިއާއަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ތަފާތު އެކި ކަހަލަ އެހީތައް ފޯރުކޮށްދޭން ފަށައިފިއެވެ.

ކުރިޔަށް ހުރި ދުވަސްތަކުގައި އިންޑިއާއަށް އެހީގެ ތަކެތި ފޯރުކޮށްދިނުމަށް އެއްބަސްވެފައިވާ ޤައުމުތަކުގެ ތެރޭގައި އިނގިރޭސި ވިލާތް، އެމެރިކާ، ފްރާންސް، ޖަރުމަނު، އޮސްޓްރޭލިއާ، އަޔަރލޭންޑް، ރަޝިއާ، ސިންގަޕޫރު އަދި ގަލްފް ހިމެނެއެވެ.

މިދިޔަ އަންގާރަ ދުވަހު ފްރާންސުން ބުނެފައިވަނީ 8 އޮކްސިޖަން ޕްލާންޓާއި ލިކުއިޑް އޮކްސިޖަން އިންޑިއާއަށް ފޯރުކޮށްދޭނެ ކަމަށެވެ. މީގެ އިތުރުން އަޔަރލޭންޑުން ވަނީ 700 އޮކްސިޖަން ކޮންސެންޓްރޭޓާސް އަދި އިނގިރޭސި ވިލާތުން 495 އޮކްސިޖަން ކޮންސެންޓްރޭޓާސް ދޭނެ ކަމަށް ވަނީ ވަޢުދު ވެފައެވެ. މީގެ އިތުރުން ޖަރުމަނުން ވެސް ވަނީ ވެންޓިލޭޓާ ހަދިޔާ ކުރާނެ ކަމަށް ބުނެފައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އެމެރިކާއިން ވަނީ އޮކްސިޖަން ދިނުމަށް ބޭނުންވާނެ ތަފާތު އެކި ވަސީލަތްތަކާއި އަދި ދަތުރުފަތުރަށް ބޭނުންވާނެ ވަސީލަތްތައް އިންޑިއާއަށް ފޯރުކޮށްދިނުމަށް ނިންމާފައެވެ.

ބައެއް ޤައުމުތަކުން ދަނީ މިހާރު އެހީގެ ތަކެތި އިންޑިއާއަށް ފޮނުވާފައެވެ. އެގޮތުން ލިބުނު ތަކެތި އެންމެ ރޭވުންތެރިކަމާއިއެކު ރައްޔިތުންނާއި ހަމަޔަށް ފޯރުކޮށްދެވޭނެ އިންތިޒާމެއް ސަރުކާރުން ދަނީ ހަމަޖައްސަމުންނެވެ. އެގޮތުން އެކި މުއައްސަސާތަކާއެކު އެކަމާއި މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށް ވެސް އިންޑިއާގެ ސަރުކާރުން ވަނީ ބުނެފައެވެ.