Last Updated: April 27, 11:28
Saturday, April 27, 2024
ޚަބަރު

މިސްކިތު ފާރާއި ފޮށާތަކުގައި ކުރެހި މައްސަލަ ކުށްވެރިކޮށްފި

އައްޑޫ ހައި ސްކޫލް ކައިރީ ހުންނަ މިސްކިތް. ފޮޓޯ/ އައްޑޫ ލައިވް

ސ. ހިތަދޫގައި ހުންނަ އައްޑޫ ހައި ސްކޫލް ކައިރީގައި ހުންނަ މިސްކިތުގެ ފާރުގަ އާއި މިސްކިތުގެ ތެރޭގައި ހުރި ފޮށާތަކެއްގައި ބަޔަކު ކުރެހި މައްސަލަ އައްޑޫ ސިޓީ ކައުންސިލުން ކުށްވެރިކޮށްފި އެވެ.

މިކަމާ ގުޅިގެން ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނަނީ "މިސްކިތުގެ ފާރު ހަޑިވާ ފަދަ ގޮތަކަށް ރޭގެ ވަގުތެއްގައި ބަޔަކު މީހުން ވަނީ ފާރު ހަޑިވާގޮތަށް ފާރުގައި ކުރަހާލާފައިވާ" ކަމަށެވެ.

"އަދި މިސްކިތުގެ އަންހެނުންނަށް ޚާއްސަ ކޮށްފައިވާ ބައިގެ ތެރެއަށް ވަދެ ނަމާދުފޮށާތަކުގައިވެސް ވަނީ ކުރަހާފަ އެވެ. މިސްކިތެއްގެ ހުރުމަތް ކެނޑޭގޮތަށް ކޮށްފައިވާ މި ގޮތްކުޑަ އަމަލު އައްޑޫސިޓީ ކައުންސިލުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ.
މިކަމަކީ، ކޮން ނިޔަތެއްގައި، ކޮން ބަޔަކު، ކުރި ކަމެއް ކަމެއް ނޭނގުނަސް، މުސްލިމުން އަޅުކަންކުރާ މިސްކިތްތަކަށް މިފަދަ ގޮތްކުޑަ އަމަލުތައް އެއްވެސް ފަރާތަކުން ނުހިންގުމަށް މުޖުތަމަޢުގެ އެންމެންނަށް ގޮވާލަމެވެ." ބަޔާނުގައިވެ އެވެ. "އަޅުގަނޑުމެންނަކީ، މުސްލިމުން ކަމަށްވީތީ، އިސްލާމީ ރިވެތި އުސޫލަށް ތަބާވެ، ހަރުކަށިކަން އިސް ނުކޮށް، އަމަލުތައް ބެހެއްޓުމަށް ވެސް މި ދަނޑިވަޅުގައި އެންމެހާ ފަރުދުންނަށް އިލްތިމާސް ކުރަމެވެ."