ގަރާޖު ސިޓީއާ ނުރާ ވެހިކަލްތައް ރަޖިސްޓްރީ ކުރެވޭގޮތަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީން ފާސްކުރުމުން މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާޙިމް ރަޝީދު (ބޮންޑޭ)ގެ ނުރުހުން އެ ކޮމިޓީގެ މެމްބަރުންނަށް އަމާޒުވެއްޖެއެވެ.
އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ކޮމިޓީން ގެނެސްފައިވާ އިސްލާހުގައި ވަނީ، އެއްގަމު އުޅަނދުފަހަރު ރަޖިސްޓްރީކުރުމުގައި އަމިއްލަ ފަރާތެއްގެ ގަރާޖެއްގައި ނުވަތަ އަމިއްލަ ފަރާތެއްގެ އެނޫޏްވެސް ތަނެއްގައި ނުވަތަ ބިމެއްގައި އެ އުޅަނދު ބޭއްވުން ލާޒިމުވެގެންނުވާކަމަށެވެ.
އަދި އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރަން ހުށަހަޅާއިރު، ގަރާޖެއްގައި އެ އުޅަނދު ބާއްވާނެކަމުގެ ލިޔުން ހުށަހެޅުންވެސް ލާޒިމު ނޫންކަމަށް އިސްލާހުގައިވެއެވެ.
ކޮމިޓީ ރިޕޯޓަށް ބަހުސް ކުރަމުން ބޮންޑޭ ވަނީ މި އިސްލާހަކީ ސަރުކާރުގެ އަދި އެމްޑީޕީން ހުށަހެޅި އިސްލާހެއްވެސް ނޫންކަމަށާއި، މިއީ ނޮޅިވަރަމު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދުގެ އިސްލާހެއްކަން ފާހަގަކޮށްފައެވެ. އަދި އެ އިސްލާހުން ދޭހަވަނީ ކޮރަޕްޝަންގެ ކަންކަން ސަރުކާރަށް ނުބެލޭތީ އަދި ގަރާޖު ސިޓީ ވިއްކާ އެކަމުގެ ނާޖައިޒު ފައިދާ ނަގާމީހުން ނުހޯދޭތީ، ގަރާޖު ސިޓީއާ ނުލާ އެކަން ކުރެވޭގޮތް ހެދުންކަމަށެވެ.
"ނޮޅިވަރަމު ދާއިރާގެ މެމްބަރު ފޮނުވާފައި އޮތީ ސަރުކާރު ފެއިލް ވެއްޖެއޭ ކިޔާފަ. މެމްބަރުން ރަނގަޅަށް ވިދާޅުވެބަލަ މި ބިލު. ބިލުގަ އޮތީ ސަރުކާރު ފެއިން ވެއްޖެއޭ. ސަރުކާރުން ކޮރަޕްޝަނެއް ނުބެލުނޭ. އެއިބާރާތުން ބުނެފައޮތީ." ބޮންޑޭ ވިދާޅުވިއެވެ.
ބޮންޑޭ ވިދާޅުވީ މިކަމަށް ތާއީދުކޮށް ވާހަކަ ދެއްކި ގިނަ މެމްބަރުންނަކީ ގަރާޖު ސިޓީ ނުލިބިގެން އުޅޭ މެމްބަރުން ކަމަށާއި، މިކަމުގައި މާލެ ރައްޔިތުންގެ ހިޔާލާއި މަޝްވަރާވެސް ހޯދާފައިނުވާ ކަމަށެވެ.
ވައްކަން ކުރުމުން އެކަމަށް އޮތް ހައްލަކީ ވައްކަން ނުބަލާ ދަފްތަރު އުފެއްދުންކަމަށް ބުނެމަކީ ލަދު ގަންނަންޖެހޭ ކަމެއްކަމަށް ބޮންޑޭ ވިދާޅުވިއެވެ. އަދި މި ބިލަށް އެމްޑީޕީގެ މެމްބަރުން ވޯޓު ދީފިނަމަ އެމްޑިޕީގެ މެމްބަރުން ފެއިލްވީ ކަމަށް ބޮންޑޭ ވިދާޅުވިއެވެ. މިގޮތަށް ކަންކުރަނީ ސަރުކާރަށް އެންމެބޮޑަށް ވަފާތެރިކަމަށް ވާހަކަ ދައްކާ މެމްބަރުންކަން ފާހަގަކޮށް ބޮންޑޭ ވަނީ ގަރާޖު ސިޓީ އުވާލުމާ އެއްކޮޅަށް ވާހަކަ ދެއްކި މެމްބަރުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
މީގެ އިތުރުން ބޮންޑޭ ވިދާޅުވީ ބައެއް މެމްބަރުންގެ ވިސްނުން އަދިވެސް ހުރީ ގަރާޖު ސިޓީ ނުނަގާ އުޅަނދު ރަޖިސްޓްރީ ކުރެވޭ ގޮތަށް ހަދާ މާލެ އިތުރަށް ތޮށްޖެއްސުމަށް ކަމަށެވެ. ބޮންޑޭ ވިދާޅުވީ މާލޭގައި ފުރޮޅުލީ ގޮނޑީގައި އުޅޭ މީހުނަށް މަގުމަތީގައި އުޅެވޭނެ ގޮތެއް ނެތްކަމަށާއި، ބަލީ މީހަކު ގެއިން ނެރެވޭނެ ގޮތެއް ނެތްކަމަށެވެ.