Last Updated: June 29, 19:00
Monday, June 29, 2026
ޚަބަރު

މީހުން ޓްރެފިކް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދެވަނަ އިސްލާހު ތަސްދީގު ކުރައްވައިފި

މީހުން ޓްރެފިކް ކުރުން ހުއްޓުވުމުގެ ގާނޫނަށް ދެވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ތަސްދީގު ކުރައްވައިފިއެވެ.

މި ބިލަކީ އޭޕްރިލް 14 ވަނަ ދުވަހު މަޖިލީހުން ފާސްކޮށްފައިވާ ބިލެކެވެ.

އި އިސްލާހުގައި މީހުން ޓްރެފިކުކުރުން ކަމުގައި ބެލެވޭ ކަންކަން ތަފްސީލުކޮށް ބަޔާންކޮށްފައިވެއެވެ. ހަމައެއާއެ ކުކުޑަކުދިން ޓްރެފިކްކުރުން ކަމުގައި ބެލެވޭނެ ކަންކަންވެސް ވަނީ ތަފްޞީލުކޮށް ބަޔާންކޮށްދީފައެވެ. އެގޮތުން ކުޑަކުދިން ޓްރެފިކްކުރުން ކަމުގައި ބެލެވޭ ބައެއް ޢަމަލުތަކުގެ ތެރޭގައި ކުޑަކުއްޖަކާމެދު އެކްސްޕްލޮއިޓޭޝަންގެ ޢަމަލެއް ހިންގުމުގެ މަޤްޞަދުގައި ކުޑަކުއްޖަކު ބޭރު ޤައުމަކުން ދިވެހިރާއްޖެއަށް ގެނައުން ނުވަތަ ބަދަލުކުރުން ނުވަތަ ދިވެހިރާއްޖެއިން ބޭރަށް ފޮނުވުން ނުވަތަ ބަދަލުކުރުން ހިމެނެއެވެ. އަދި ކުޑަކުއްޖަކާމެދު އެކްސްޕްލޮއިޓޭޝަންގެ ޢަމަލެއް ހިންގުމުގެ މަޤްޞަދުގައި ކުޑަކުއްޖަކު ދިވެހިރާއްޖޭގެ އެއްތަނުން އަނެއްތަނަށް ބަދަލުކުރުމާއި، ކުއްޖަކާ ހަވާލުވުން ނުވަތަ އޭނާގެ ބެލުމުގެ ދަށުގައި ބެހެއްޓުމާއި ވަޒީފާއަކަށް ނުވަތަ މަސައްކަތަކަށް ރެކްރޫޓްކުރުންވެސް ހިމެނެނީ ކުޑަކުދިން ޓްރެފިކްކުރުމުގެ ތެރޭގައިކަން މި ބިލުގަިއ ބަޔާންކޮށްފައިވެއެވެ.

މީގެއިތުރުން މީހުން ޓްރެފިކްކުރަން ރޭވުމަކީ ނުވަތަ ކުޑަކުދިން ޓްރެފިކްކުރަން ރޭވުމަކީ ނުވަތަ ޓްރެފިކްކުރަން އަމުރުކުރުމަކީ ކުށެއްކަމުގައި ވަނީ ބަޔާންކޮށްފައެވެ. އަދި ޓްރެފިކްކުރާ ފަރާތެއްގެ ކާކުކަން އަންގައިދޭ ލިޔުމެއް ނުވަތަ ޓްރެވަލް ޑޮކިއުމަންޓެއް ބަދަލުކުރުމަކީވެސް ކުށެއްކަމުގައި މި ޤާނޫނުގައި ކަނޑައެޅިގެން ބަޔާންކޮށްފައިވެއެވެ. ހަމަ އެއާއެކު، މި ޤާނޫނަށް ގެންނެވި އިޞްލާޙުގައި ބަޔާންކުރާގޮތުން މި ޤާނޫނުގައި ބަޔާންކުރާ ކުށެއް ކުރުމަށް ބޭނުންކުރި އަދި ކުށުގެ ޢަމަލުން ހޯދާފައިވާ މުދަލާއި ފައިސާ ދައުލަތަށް ނެގޭނެކަމުގައި ބަޔާންކޮށްފައިވެއެވެ. އަދި މިކަން ކުރުމަށް ޢަމަލުކުރާނީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންކުރާ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންކަމަށްވެސް މި އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.