Last Updated: March 29, 06:30
Friday, March 29, 2024
ރިޕޯޓް

ފްލައިން ސްކޫލް ދަރިވަރުންނަށް ދޭނެ ބަދަލެއް ސަރުކާރުގައި ނެތް؟

މިއީ އަނެއްކާވެސް ގެއްލުމުގެ ބަދަލުގެ ގޮތުގައި ބޮޑެތި އަދަދުތައް އެކި ފަރާތްތަކަށް ސަރުކާރުން ދެމުންދާ ކަމުގެ އަޑުތައް ގަދަވެފައިވާ ދުވަސްވަރެކެވެ. މި އަޑުތައް އެންމެފަހުން ގަދަވީ މަންދު ކޮލެޖަށް ދައުލަތުން 15 މިލިއަން ރުފިޔާ ދޭން ނިންމި ހިސާބުންނެވެ. މިއީ މި ސަރުކާރު ވެރިކަމަށް އައިފަހުން އަލަށް ކުރާ ކަމެއް ވެސް ނޫނެވެ. އެގޮތުން ވެރިކަމުގެ ފުރަތަމަ 100 ދުވަސް ވެސް ނިންމާލީ ސަރުކާރުގެ ތެރޭގައި ތިބި ނުފޫޒުގަދަ ބައެއްގެ ކުންފުންޏަކަށް 30 މިލިއަން ރުފިޔާ ދިނުމަށްފަހުއެވެ.

މިގޮތަށް މިލިއަނުން ފައިސާތައް ބަދަލުގެ ގޮތުގައި ދޭން ސަރުކާރަށް ފަސޭހަކަމާއެކު އެއްބަސްވެވޭއިރު، އައްޑޫ ސިޓީ ގަމުގައި ހިންގާ ފްލައިން ސްކޫލްގައި ކިޔަވަމުންދާ ދަރިވަރުންނަށް ރަނގަޅު ބަދަލެއް ދެވޭނެ ގޮތެއް ނެތީތޯ އެއީ އުފެދޭ ސުވާލެކެވެ. މި ދައްކަނީ އެ ދަރިވަރުންނަށް މިލިއަނުން ފައިސާތަކެއް ދޭ ވާހަކައެއް ނޫނެވެ. މި ދައްކަނީ ހަމަޔެއް ލަމައެއް ނެތް އުސޫލުން ހިންގާ ފްލައިން ސްކޫލުގައި ކިޔަވާ ދަރިވަރުންނަށް ކޯސް ނިންމުމަށް ހުރި ދަތިތަކަށާއި އެކި ގޮތްގޮތުން ދަރިވަރުންނަށް ހުރި ދަތިތަކަށް ހެޔޮ ބަދަލެއް ގެންނަ ވާހަކައެކެވެ.

100 އަށް ވުރެ ގިނަ ދަރިވަރުން ކިޔަވަމުންދާ އެ ސްކޫލްގައި މިހާރުވެސް އުދުހޭނެ އެންމެ ބޯޓެއް ވެސް ނެތެވެ. ސްކޫލު ހުއްޓި، ދަރިވަރުން ތިބީ ގޮތް ހުސްވެފައެވެ. ނަމަވެސް ބަރާބަރަށް ދަރިވަރުން ބޭންކުތަކުން ނަގާފައިވާ ލޯނުތަކަށް ފައިސާ ދައްކަންޖެހެއެވެ. މަހަކު 9،000 ރުފިޔާގެ އަދަދެއް ލޯނަށް ދައްކަމުންދާއިރު، ކޯހަށް ވަގުތު ހުސްކުރަން ގިނަ ދަރިވަރުން ވަޒީފާއެއް އަދާކުރަމުން ނުދެއެވެ. ކިޔެވުމަށް ދަރިވަރުން ލޯނު ނެގީ 12 މަހުން ކޯސް ނިމޭނެ ކަމަށް ސްކޫލުން ދިން ޔަގީންކަމާއެކުއެވެ. ނަމަވެސް އާހިރުގައި އެކަންވީ ބިލާހަކަށެވެ.

ކޮވިޑް-19 އާއެކު ބީއެމްއެލް އިން ލޯނު ދެއްކުން 9 މަހަށް ފަސްކޮށްދިންއިރު، ލޯނަށް ފައިސާ ދައްކަން ދަރިވަރުން އަލުން މިހާރު ވަނީ ފަށާފައެވެ. މިހާރު ލޯނަށް 9000 ރުފިޔާ ދައްކާ ދަރިވަރު ކުރިއަށް އޮތް ޖޫން އިން ފެށިގެން 12،000 ރުފިޔާ ދައްކަންޖެހެއެވެ. ޖޫން މަހާއި ހަމައަށް ވެސް ކޯސް ނުނިމޭނެކަން އެއީ ކަށަވަރު ކަމެކެވެ. އެހެންކަމަށްވާއިރު ބޭންކަށް ދައްކަން މި ފައިސާ ދަރިވަރުން ނަގާނީ ކޮންތާކުންތޯއެވެ. ސްކޫލް ޖަވާބުދާރީ ނުކުރެވޭއިރު، ދަރިވަރުންނަށް ލިބޭ ގެއްލުމުގެ ބަދަލަށް ސަރުކާރުން ދޭން އޮތީ ކޮން ބަދަލެއްތޯއެވެ. ދަރިވަރުންގެ އާދޭހަކީ ބޭންކު ލޯނު ހަޔާ އެޑިއުކޭޝަންގެ ލޯނަކަށް ބަދަލުކޮށްދިނުމެވެ.

ކޯސް ފުރިހަމަ ކުރަމުންދާ ބައެއް ދަރިވަރުން ބޭރަށް ފޮނުވައިދޭނެ ކަމުގެ ވާހަކަތަކެއް ވެސް މިއަހަރުގެ ކުރީކޮޅު ދެކެވިގެން ގޮސްފައިވެއެވެ. ނަމަވެސް އެތައް މަހެއް ފާއިތުވީއިރު ވެސް އެކަން އޮތީ ކިހާ ހިސާބެއްގައިކަން ވެސް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ. އެކަމަށް ވެސް އެތައް ދަރިވަރުންނެއް އުއްމީދު ކުރިއެވެ. އަމިއްލަ ގައުމުގައި ގޮތް ހުސްވެފައިވާ ދިވެހި ދަރިވަރުންނަށް ކަމާބެހޭ ފަރާތްތަކުން ހެޔޮ ބަދަލެއް ހޯދައިނުދެވޭ ކޮންމެ ދުވަހަކީ ވެސް ލަދެކެވެ. އަތް އުރާލައިގެން އަބަދު "ހަނު" ތިބުމަކީ ހަލެއް ނޫނެވެ.