Last Updated: April 19, 06:24
Friday, April 19, 2024
ޚަބަރު

ގެ އެއްގެ ފުރާޅު ވެއްޓި އާއިލާއެއްގެ 5 މީހުން މަރުވެއްޖެ

އިންޑިއާގެ އުއްތަރްޕްރަދޭޝްގެ އަވަށެއް ކަމަށްވާ މިރްޒާޕޫރުގެ ގެ އެއްގެ ފުރާޅު ވެއްޓި އެ ގޭގައި ދިރިއުޅެމުން ދިޔަ އާއިލާގެ 5 މީހުން މަރުވެއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ އެމީހުން ނިދާފައި ތިއްބާ މި ދިޔަ ބުދަ ދުވަހުގެ ފަތިހު 3 ޖަހާކަންހާ އިރުކަމަށް ރިޕޯޓްތައް ބުނެއެވެ. މަރުވެފައިވާ މީހުންގެ ތެރޭގައި ހިމެނެނީ އުމާޝަންކަރު (50 އަހަރު)، އޭނާގެ އަންހެނުން ގުޅިޔާ(48 އަހަރު)، އެ ދެމަފިރިންގެ ދެ ފިރިހެން ދަރިން ކަމަށްވާ ޝުބަމް(22 އަހަރު)، ސޯރަބް(18 އަހަރު)، އަދި އަންހެން ދަރިފުޅު ސަންދިޔާ(20 އަހަރު) އެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި އެ ހާދިސާ ހިނގައިގެން އުޅޭކަމުގެ މައުލޫމާތު ފުލުހުންނަށް ދީފައިވަނީ އެ ގޭގެ އަވައްޓެރިންނެވެ. މި ހާދިސާއިން ސަލާމަތްވެފައިވަނީ އެމީހުންގެ އެންމެ އަންހެން ދަރިއެއް ކަމަށް ރިޕޯޓްތައް ބުނެއެވެ. މި ހާދިސާ ހިނގި ވަގުތު އެ އަންހެން ކުއްޖާ ގޭގައި ނޫޅެއެވެ. އޭނާ ހުންނަނީ ކިޔަވަން ފޮނުވާފައި އެހެން އަވަށެއްގައި ކަމަށް ވެއެވެ.

ޗީފް މިނިސްޓަރު އަދިތްޔާނާތު ވަނީ އާއިލާއަށް ތައުޒިޔާ ކިޔާފައެވެ. އަދި މަރުވީ ކޮންމެ ބޮލަަކަށް 200 ލައްކަ ރުޕީސް އާއިލާއަށް ދޭނެ ކަމަށް ވެސް ބުނެފައެވެ.