Last Updated: June 29, 19:00
Monday, June 29, 2026
ޚަބަރު

ގަރާޖު ސިޓީ އުވާލުމުން މާލެ ވެހިކަލުން ތޮއްޖެހޭނެ: އީވާ

އީވާ އަބްދުﷲ - ފޮޓޯ: މަޖިލިސް

ވެހިކަލް ރަޖިސްޓްރީ ކުރުމަށް ހުށަހަޅަންޖެހޭ ގަރާޖު ސިޓީ އުވާލުމުން މާލެ، ވެހިކަލުން ތޮއްޖެހޭނެ ކަމަށް މެމްބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

ގަރާޖު ސިޓީ އުވާލުމަށް މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީން ނިންމާފައިވާ ރިޕޯޓަށް ވާހަކަ ދައްކަވަމުން އީވާ ވިދާޅުވީ، އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް އިސްލާޙު ހުށަހެޅުއްވީ ނޮޅިވަރަމު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ކަމަށެވެ. އަދި އިސްލާޙު ހުށަހަޅުއްވަމުން ސަބަބެއްގެ ގޮތުގައި ވިދާޅުވެފައިވަނީ ކާރު ރަޖިސްޓްރީ ކުރުމުގެ ކޮރަޕްޝަން ނައްތާލުމަށް ކަމަށެވެ.

"އެއްކަމަކަށް ނޮޅީވަރަމު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ކޮރަޕްޝަން ނައްތާލަންށޭ ކިޔާފައި ގާނޫނެއް ނޫން، ގަރާރެއް ނޫން، ކޮންމެފަދަ އެއްޗެއް ހުށަހެޅިޔަސް އިއްޒަތްތެރި ރައީސް ފުރަތަމަވެސް ހަމަ ޝައްކުގެ ނަޒަރަކުން އަޅުގަނޑަށް ބަލާލެވޭ." އީވާ ވިދާޅުވިއެވެ.

އީވާ ވިދާޅުވީ ގަރާޖު ސިޓީއަށް ވުރެއް ރަނގަޅު ހައްލެއް މާލެ ތޮއްޖެހުމަށް ހޯދައިދޭން ޖެހޭކަމަށެވެ. އީވާ ވިދާޅުވީ ވެހިކަލް ރަޖިސްޓްރީ ކުރުމުގައި ކޮރަޕްޝަން ހިނގާ ކަމަށްވާނަމަ، އެ ކޮރަޕްޝަން ނައްތާލުމަށްޓަކައި ހިންގާ ކަންކަމުގެ އިތުރުން ގަވައިދުވެސް ތަންފީޒު ކުރަންޖެހޭ ކަމަށެވެ.

ގަރާޖު ސިޓީ އުވާލައިފިނަމަ، މާލޭ ވެހިކަލުން ތޮއްޖެހޭވަރު އިތުރުވާނެކަމަށާއި، އަދި އެއީ އޮތް ހައްލެއްވެސް ނޫންކަމަށް އީވާ ވިދާޅުވިއެވެ. އީވާ ވިދާޅުވީ މިކަމުގައި މާލެއަށް ލުއިތަކެއްވާނެހެން އަދި މުސްތަގުބަލަށް ވިސްނައިގެން ދާއިމީ ހައްލެއް ހޯދަންޖެހޭ ކަމަށެވެ.

އީވާ ވިދާޅުވީ ކޮރަޕްޝަން ހިންގާކަމަށް ބުނެ، އެ ކޮރަޕްޝަން ހުއްޓުވަން އޮތް ގަވައިދު އުވާލުމަކީ އެއްވެސް ވަރަކަށް ހައްލެއް ނޫންކަމަށެވެ.

އީވާ ވަނީ ގަރާޖު ސިޓީ އުވާލުމަށް ނިންމާފައިވާ ނިންމުން އަލުން ކޮމިޓީއަށް ފޮނުވުމަށް ހުށަހަޅާފައެވެ. އަދި އީވާގެ ހުށަހެޅުމަށް މެޖޯރިޓީ ލީޑަރު އަލީ އާޒިމް ވަނީ ތާއީދު ކުރައްވާފައެވެ.

އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީން ގެނެސްފައިވާ އިސްލާހުގައި ވަނީ، އެއްގަމު އުޅަނދުފަހަރު ރަޖިސްޓްރީކުރުމުގައި އަމިއްލަ ފަރާތެއްގެ ގަރާޖެއްގައި ނުވަތަ އަމިއްލަ ފަރާތެއްގެ އެނޫންވެސް ތަނެއްގައި ނުވަތަ ބިމެއްގައި އެ އުޅަނދު ބޭއްވުން ލާޒިމުވެގެންނުވާކަމަށެވެ.

އަދި އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރަން ހުށަހަޅާއިރު، ގަރާޖެއްގައި އެ އުޅަނދު ބާއްވާނެކަމުގެ ލިޔުން ހުށަހެޅުންވެސް ލާޒިމު ނޫންކަމަށް އިސްލާހުގައިވެއެވެ.