Last Updated: June 29, 19:00
Monday, June 29, 2026
ޚަބަރު

މިފްކޯއިން ކޮންޓްރޯލް ކޮށްގެން މަސްގަންނަ މުއްދަތު އިތުރުކޮށްފި

މަސްވެރިކަން ކުރާ ދޯންޏެއް- ފޮޓޯ: މިފްކޯ

ދެކުނުގެ މަސްވެރިކަން ރަނގަޅުވުމާއި އެކު މަސް ގަތުން މިފްކޯއިން ކޮންޓްރޯލް ކުރި މުއްދަތު އިތުރުކޮށްފިއެވެ.

ޕީއެސްއެމް ނިއުސްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވީ، އަދިވެސް ގިނަ އަދަދެއްގެ ދޯނިތައް މަސް ކިރުވަން އަންނަމުންދާތީ ކޮންޓްރޯލް އުވާލެވެން ނެތްކަމަށެވެ.

އެގޮތުން ކޮންމެ ދޯންޏަކުންވެސް 4 ޓަނުގެ މަސް ގަތް ނަމަވެސް މިފްކޯއަށް ގާތްގަނޑަކަށް 400 ޓަނުގެ މަސް ލިބެމުންދާކަމަށް ވިދާޅުވިއެވެ.

"ފްރީޒިންގ ކެޕޭސިޓީއަށް ވުރެ އެކްސެސްކޮށް މަސް ލިބޭ އެބަ. އެހެން ވީމަ އަދި ކުރިއަށް އޮތް ދެތިން ދުވަހަށް ބަލާފަ ޑިޒިޝަނެއް ނަގަން މި ނިންމީ. އަންނަ ހަފްތާގައި ބަލާނަން މިއަށްވުރެ އިތުރަށް މަސް ގަނެވޭތޯ އަދި ކޮންޓްރޯލް އުވާލެވޭ ނަމަ އެކަންވެސް ކުރާނަން" އިސްމާއިލް ވިދާޅުވިއެވެ.

މީގެ އިތުރުން އިސްމާއިލް ވިދާޅުވީ ފްރީޒިން ކެޕޭސިޓީ މައްސަލައިގެ އިތުރުން މަސްވެރިން ގިނަ ވަގުތުތަކެއް ކިއޫގައި ތިބެން ޖެހުމާއި މަސްވެރިންނަށް އައިސް ފޯރުކޮށްނުދެވޭތީ މަހުގެ ކޮލެޓީ ދަށްވުމަކީ ވެސް މަސްގަތުން ކޮންޓްރޯލުކުރަން ޖެހުނު ސަބަބުތައްކަމަށެވެ.