މިޔުޒިކް އަޑުއަހާލައި، ހާސްކަމެއް ނެތި މަޖާ ކޮށްލުމަށް ގޮވާލައި ހުށަހަޅާފައިވާ ގަރާރުގެ ޤަރާރު މަޖިލީހުން ފާސްކޮށްފިއެވެ.
އެ ޤަރާރު މަޖިލީހުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 46 މެމްބަރުންގެ ވޯޓުންނެވެ. އެ ޤަރާރު ފާސްކުރުމާއި ދެކޮޅަށް ފަސް މެމްބަރުން ވޯޓު ދެއްވާފައިވެއެވެ.
ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން ލަތީފް ހުށަހެޅުއްވި އެ ގަރާރުގައި ބުނެފައި ވަނީ މާލެ އަށް ދިމާވެފައިވާ މައްސަލަތަކުގެ ހައްލު ހޯދައި ދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާއިރު ވެސް ހާސްކަމުގެ ތެރޭގައި މާލޭގައި އުޅެން ޖެހިފައިވާ ޒުވާނުންނަށް އެ ހާސްކަމުން މިންޖުކުރެވޭނެ މަރުކަޒެއް ބޭނުންވެފައިވާ ކަމަށެވެ.
އެގޮތުން ޒުވާނުންނާއި ރައްޓެހިންނާއި އެކުވެރިންނާއެކު ހީނ، ސަމާސާކޮށް، މަޖާކޮށްލެވޭ ފަދަ މާހައުލެއް މިޔުޒިކް އަޑުއަހާލައި، ވަގުތު ހޭދަކޮށްލެވޭނެ މަރުކަޒަކަށް މިއަދު މާލޭގައި އުޅޭ ޒުވާނުން އިންތިހާ އަށް ބޭނުންވެފައިވާ ކަމަށެވެ.
ތަފާތު ވައްތަރުގެ މިޔުޒިކާއި ލަވަ އަޑުއަހާލަން ޒުވާނުން އެއްވެ އުޅެވޭނެ ތަނެއްގެ މުހިންމުކަން އިތުރުވެފައިވާ ކަމަށް ވިދާޅުވެ ހަސަން ލަތީފްގެ ގަރާރުގައި ޒުވާނުންގެ ތެރޭގައި އާދަޔާ ހިލާފު ފަންނުތަކާއި ހުނަރުތައް ހުންނަ ޒުވާނުން އުޅޭ ކަމަށް ބުނެފައިވެއެވެ.
އެ ޤަރާރު ދިރާސާކުރުމަށްފަހު އިޖްތިމާއީ ކޮމިޓީން ނިންމާފައިވަނީ ހީނ ސަމާސާކޮށް މަޖާކޮށްލައި، އެއްވެ ތިބެވޭނެ ފަދަ މަރުކަޒެއް ގާއިމުކޮށްދިނުމަށް ސަރުކާރަށާއި ކަމާގުޅުންހުރި ވުޒާރާތަކުގެ އެހީތެރިކަމާއެކު ހެރިޓޭޖް މިނިސްޓްރީން އިސްނަގައިގެން މިފަދަ މަރުކަޒެއްގެ މަސައްކަތް ފެށުމަށެވެ.